މިއަދު ރާއްޖެ ވަޑައިގެންނެވި ތުރުކްމެނިސްތާނުގެ ވަފުދުގެ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުން އޮތީ މިއަދު ރައީސް އޮފީހުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ތުރުކްމެނިސްތާނުގެ ވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ، ތުރުކްމެނިސްތާނުގެ ކެބިނެޓުގެ ޑެޕިޔުޓީ ޗެއާމަން ހޮޖާމުހަންމަތު މުހަންމަޑޯ ކަމަށާއި އެ ބައްދަލުވުމުގައި އޭނާގެ އިތުރުން ކެބިނެޓުގެ އެހެން ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި، ތުރުކްމެނިސްތާނުގެ މަތީ ފެންވަރުގެ ވަފުދެއް ރާއްޖެ އަށް ޒިޔާރަތްކުރެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެބޭފުޅުންނަށް މަރްހަބާ ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެމަނިކުފާނުގެ ހެޔޮއެދުންތައް ތުރުކްމެނިސްތާނުގެ ރައީސަށް ރައްދުކޮށްދެއްވުމަށް ވަފްދުގެ ބޭފުޅުންގެ އަރިހުން ރައީސް ވަހީދު އެދިވަޑައިގަތް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އިގުތިސާދު ބިނާވެފައިވާ މައިގަނޑު ސިނާއަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައި، މިކަންކަމުގައި ތަޖުރިބާ ހިއްސާ ކުރެއްވުމުގެ މުހިންމުކަން ރައީސް ވަހީދާއި ތުރުކްމެނިސްތާނުގެ ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވި ކަމަށެވެ.

ތުރުކްމެނިސްތާނުގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެ ބޭފުޅުންނަށް ދިވެހި ސަރުކާރުން ކިޔާފައިވާ ހޫނު މަރްހަބާއާއި ބަހައްޓަވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށް ޓަކައި، ރައީސް ވަހީދަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަފްދުގެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ތުރުކްމެނިސްތާނުގެ ރައީސްގެ ޚާއްސަ ސިޓީފުޅެއް، ވެސް ވަފުދުގެ ބޭފުޅުން ރައީސް ވަހީދަށް އަރުވާފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.