15 Feb 2025, 16:52
އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ޗެލްސީ ބައްދަލުކުރި މެޗު ބްރައިޓަން ކާމިޔާބު ކޮށްފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ތަފާތު ބޮޑުކޮށް ތިން ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ޗެލްސީއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ބްރައިޓަންއިން ކާމިޔާބު ކޮށްފައިވަނީ 27 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަޕާންގެ ފޯވަޑް ކައޯރޫ މިޓޯމާއެވެ. މިޓޯމާގެ މިލަނޑަށް ގިނަ ބަޔެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. މިމެޗުގައި ބްރައިޓަންގެ ދެވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔަކޫބާ މިންޓޭއެވެ. އަދި ތިންވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް މިންޓޭއެވެ. މިމެޗުގައި ޗެލްސީން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް މާރަނގަޅު ހަމަލާއެއް އެޓީމަށް އުފެއްދޭ ގޮތެއް ނުވިއެވެ. ކިރިޔާވެސް ފުރުސަތެއް ލިބުނީ މެޗުގެ ކުރީކޮޅު ކޯލް ޕާމާއަށެވެ.
މިއީ ހަފުތާއެއްގެ ތެރޭގައި ބްރައިޓަން އަތުން ޗެލްސީ ބަލިވި ދެވަނަ މެޗެވެ. ޗެލްސީ ވަނީ އެފް އޭ ކަޕްގައިވެސް ބްރައިޓަންއާ ބައްދަލުކުރި މެޗުން ބަލިވެފައެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ލީގު މެޗަކުން ބްރައިޓަން މޮޅުވި ފުރަތަމަ ފަހަރެވެ. މިކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ޗެލްސީ އުޅެނީ 43 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ނަމަވެސް މިހަފުތާގައި ކުޅޭ އެހެން މެޗުތަކުގެ ނަތީޖާ ތަކާއެކު ޗެލްސީއަށް ހަތަރު ވަނަ މަގާމް ގެއްލިގެން ދިއުމަކީވެސް ކައިރިކަމެކެވެ.