ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ހަރްޝްވަރުދަން ރާނޭ އަނެއްކާވެސް ލޯބީގެ މިއުޒިކަލް ޑްރާމާއަކަށް ސޮއިކޮށްފިއެވެ.

އިއްޔެ އިއުލާނުކުރި މި ފިލްމުގެ ނަމަކީ "ދީވާނިޔަތު"އެވެ. ޑައިރެކްޓަރު މިލަފް މިލަން ޒަވޭރީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ހަރްޝްއާ އެކު ފެންނާނީ ކޮން ބަތަލާއެއްކަން އަދި ހާމައެއް ނުކުރެއެވެ.

ފިލްމުގެ މޯޝަން ޕިކްޗާއާ އެކު އިންސްޓަގްރާމްގައި ހަރްޝް ކުރި ޕޯސްޓުގެ ކެޕްޝަންއިން ވެސް މި ފިލްމަކީ ލޯބީގެ ވަރަށް ވަރުގަދަ ވާހަކައެއްކަން އެނގެއެވެ.

ޕޯސްޓަރުގެ ކެޕްޝަންއެއްގެ ގޮތުގައި ލިޔެފައި ވަނީ 'އޭނާގެ ހަޔާތަށް އަންނަ އަންހެނަކު އޭނާގެ ހިތް ހަލާކު ކޮށްލިޔަސް އިންތިހާއަށް ލޯބިވާނަން' މިހެންނެވެ.

ހަރްޝް މުހިއްމު ރޯލަކުން މިދިޔަ އަހަރު ފެނުނު ފިލްމު "ސަވީ"ގެ މަންޒަރެއް--ފޮޓޯ/ރެޑިފް

މި ފިލްމު ގެނެސްދޭނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބުނު ފިލްމު "ދަ ސަބްރަމާތީ ރިޕޯޓު" ގެނެސްދިން ޕްރޮޑަކްޝަން ހައުސް ވިކީރު ފިލްމްސްއިންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ވެސް މި އަހަރެވެ.

ހަރްޝް އަންނަނީ ބެލުންތެރިންނަށް އޭނާ ސްކްރީނުން ފެނުނު ފުރަތަމަ ހިންދީ ފިލްމު "ސަނަމް ތޭރީ ކަސަމް" ދެވަނަ ފަހަރަށް ރިލީޒް ކުރުމާއެކު ފިލްމަށް ލިބެމުން އަންނަ ކާމިޔާބީގެ އުފާ ފާޅުކުރަމުންނެވެ.

ހަރްޝްއާ އެކު ފިލްމަށް ލިބެމުން އަންނަ ކާމިޔާބީ ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު ފާހަގަކޮށް އެ ވާހަކަ ދައްކަމުން އަންނައިރު ބޮލީވުޑްގެ ގިނަ ފިލްމީ ތަރިން ވެސް ވަނީ ހަރްޝްއަށް މަރުހަބާ ކިޔާފައެވެ.

އޭގެތެރޭގައި އަނިލް ކަޕޫރު އަދި ޖޯން އަބްރަހަމް ހިމެނެއެވެ. ހަރްޝް މިދިޔަ އަހަރު ދެ ފިލްމަކުން ބެލުންތެރިންނަށް ފެނުނުއިރު އެކްޓަރު އަންނަނީ "ކުން ފަޔަ ކުން"ގެ ނަމުގައި އުފައްދާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.