15 Feb 2025, 10:05
އިއްޔެ ގިނަ ބަޔަކު ފާހަގަކުރި ލޯބިވެރިންގެ ދުވަހާ ގުޅިގެން ބޮލީވުޑްގެ ބަތަލާ ޖެކްލީންއަށް ޕްރައިވެޓް ޖެޓެއް ހަދިޔާކޮށްފައިވާ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.
ޖެކްލީންގެ ނަން (ޖީއެފް) ރަމްޒަކަށް ޖަހާފައިވާ ޕްރައިވެޓް ޖެޓު ބަތަލާއަށް ހަދިޔާކޮށްފައި ވަނީ ކުރިން ލޯބީގެ ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ބުނެފައިވާ ސުކޭޝް ޗަންދްރަޝޭކަރުއެވެ.
އޭނާ އަކީ އެތައް މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައެއްގައި 2015 ވަނަ އަހަރު އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާގެ މައްސަލަތަކުގެ ތަހުގީގުތަކުން، ބަތަލާ ޖެކްލީންއާ އެކު މުއާމަލާތުކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ ދޭތެރެ ދޭތެރެއިން ޖެކްލީން މުމްބާއީގެ ފުލުސް އޮފީހަށް ވެސް ހާޒިރު ކުރެއެވެ.

ޖެކްލީން އަދި ބަތަލާގެ ލޯބިވެރިޔާ ކަމަށް ބުނާ ސުކޭޝް. ސުކޭޝް ވަނީ ބަތަލާގެ ނަމުގައި އަގޮ ބޮޑު ޔޮޓެއް ވެސް ގަނެ ހަދިޔާކޮށްފައި--ފޮޓޯ/ފިލްމުފެއަ
ބަތަލާ ޖެކްލީންއަކީ ސުކޭޝްގެ ލޯބިވެރިޔާ ކަމަށް ބުނެ އެކި މުނާސަބާތަކާ ގުޅިގެން ޖަލުގައި ހުރެ ޖެކްލީންއަށް އެޑްރެސްކޮށް ސިޓީ ލިޔުމަކީ އޭނާގެ އާދައެކެވެ.
މީގެކުރިން ޖެކްލީންގެ އުފަންދުވަހާ ގުޅުވައިގެން ވެސް މިފަދަ ސިޓީތައް ސުކޭޝް ވަނީ އާއްމުކޮށްފައެވެ. ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން ޖެކްލީންއަށް ލިޔުނު ސިޓީގައި އޭނާ ބުނެފައި ވަނީ މިފަދަ ޚާއްސަ ދުވަހެއްގައި ޖެކްލީންއަށް ސަޕްރައިޒްއެއްގެ ގޮތުގައި ގަލްފްސްޓްރީމް ޖެޓެއް ހަދިޔާކޮށްފައިވާނެ ކަމަށެވެ.
މި ޕްރައިވެޓް ޖެޓްގެ ރެޖިސްޓްރޭޝަން ނަމްބަރު ވެސް ޖެކްލީންގެ ހަޔާތާ ގުޅުވާލާފައިވާނެ ކަމަށާއި އެގޮތުން ރެޖިސްޓްރޭޝަން ނަމްބަރު، ބަތަލާ އުފަންވި މަހާ ގުޅޭނެ ކަމަށް ސުކޭޝްގެ ސިޓީގައި ވަނީ ބުނެފައެވެ.
ޖެކްލީންއަށް ރައްދުވާގޮތަށް އެތައް ފަހަރެއްގެ މަތިން ސިޓީތައް ލިޔެ ބަތަލާއާ އެކު ލޯބީގެ ގުޅުމެއް ބޭއްވިކަމަށް ސުކޭޝް ތަހުގީގުގައި ބުނެފައިވީ ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ލޯބީގެ ގުޅުމެއް ދުވަހަކު ވެސް އޭނާއާ އެކު ނުބާއްވާ ކަމަށް ސްރީލަންކާއަށް ނިސްބަތްވާ ބަތަލާ ވަނީ ބުނެފައެވެ.