16 Jul 2012, 14:41
މީހެއްގެ ވޮލެޓް ފޭރިގަނެގެން ފިލަން އުޅުމުން، އެހީއަށް އެދި ހަޅޭލެވުމުން ފޭރެން އުޅުނު މީހާ ބިރުން ފިލައިފި އެވެ.
މިއަދު މެންދުރު ފަހު އަލިކިލޭގެފާނު މަގު، "ހައިވޭ" ފިހާރަ ކައިރިން ހިނގާފައި ދިޔަ ޒުވާން ފިރިހެން ކުއްޖަކަށް ބިރުދައްކައި އޭނާގެ ވޮލެޓް ފޭރި ގަނެގެން ފިލަން އުޅުމުން އެ ޒުވާނާ ވަނީ ފޭރެން އުޅުނު މީހާގެ ގައިގައި ބައްދައި ގަނެ އެތަނަށް މީހުން އެއްވަން ދެން ބާރަށް ހަޅޭއްލަވާފަ އެވެ.
އެވަގުތު އަލިކިލޭގެފާނު މަގުން ދުއްވާފައި ދިޔަ ފުލުހަކަށް އެ މަންޒަރު ފެނިގެން، މަޑުކުރުމާއެކު، ފޭރެން އުޅުނު މީހާ ވަނީ އެ ޒުވާނާއާ ވޮލެޓް ހަވާލުކުރުމަށްފަހު ފިލާފަ އެވެ. އެ މީހާ ހައްޔަރު ކުރަން ފުލުސް މީހާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެއެވެ.
"ވޮލެޓް ފޭރި ގަނެގެން ދާން އުޅެނިކޮށް އޭނާގެ ގައިގައި ބައްދައިގަނެއް ހަޅޭއްލަވަން ފެށީ. މަށަށް ފެނުނު ބިންމައްޗަށް ވެއްުޓުނު 500ރ. ނޫޓްތަކެއް ވެސް. އޭނާ ސަލާމަތްވީ ބާރަށް ހަޅޭލަވަން ފެށުމުން. އެހެންވެ ފުލުސް މީހާ ވެސް އެތަނަށް މަޑުކުރީ،" މަންޒަރު ދުން މީހަކު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް އަދި ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. ހައިވޭ ފިހަރަ ކައިރި ސަރަހައްދުގައި ފުލުހުންގެ ދެ ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވެ އެވެ.
ކުރީގެ ނޫސްވެރިޔާ އަދި ބްލޮގާ ހިއްލަތު ރަޝީދުގެ ކަރަަށް ވަޅި ހަރައި ޒަހަމްކޮށްލީވެސް އެ ސަރަހައްދުގައި ހުންނަ ސެކިއުރިޓީ ކެމެރާއެއްގެ ބުޑުގަ އެވެ.