16:50


ދެ ރަށެއް ފިޔަވައި  ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބޭނުންވާ ވޯޓާސް ރަޖިސްޓްރީ، ތައްޔާރުކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ވެރިރަށް މާލެ ނުލައި ވޯޓާސް ރަޖިސްޓްރީ އެކުލަވައިލަން ޖެހޭ 194 ރަށުގެ ތެރެއިން މި ވަގުތަށް ރަޖިސްޓްރީ އެކުލަވައި ނުލެވި އޮތީ ބ. ހިތާދޫ އާއި ށ. މަރޮށި ކަމަށެވެ.


ފުއާދު ވިދާޅުވީ މަރޮއްޓާއި ހިތާދޫގެ ވޯޓާސް ރަޖިސްޓްރީ ނުނިމި ވަނީ ބައެއް ކަހަލަ ޓެކްނިކަލް މައްސަލަތަކުގައި ކަމަށާއި އެ ދެ ރަށުގައި ރަޖިސްޓްރީ ނިންމާލުމަށް މިހާރު ކުރަންޖެހޭ މާގިނަ މަސައްކަތެއް ނުހުންނާނެ ކަމަށެވެ.


"ޓެކްނިކަލް މައްސަލައޭ އަޅުގަނޑު މިދަންނަވަނީ ކަރަންޓް ދާތީ ފެކްސް ބޭނުން ނުކުރެވުން ކަހަލަ މައްސަލަތައް ދިމާވަމުން ދަނީ،"


ފުއާދު އަދި ވިދާޅުވީ ހުރިހާ ރަށެއްގެ ރަޖިސްޓްރީ ވެސް ނިންމަމުން އަންނަނީ ޗެކްކުރެވެން ހުރި ހުރިހާ ގޮތަކަށް ޑަބަލް ޗެކްކޮށް ބަލައިގެން ކަމަށާއި ވޯޓާސް ރަޖިސްޓްރީ އެހެން ފަހަރުތަކަށް ވުރެ ބޮޑުތަން ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރަޖިސްޓްރީ ދުވަހުން ދުވަހަށް އާކޮށް ފައިނަލް ކުރަމުންގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"މިހުރިހާ ޗެކިންއާ އެކު އަޅުގަނޑުމެން ކޮމިޝަނުން މި ބަލަނީ  ދެ ހަފުތާގެ ތެރޭގައި މުޅި ރަޖިސްޓްރީ އެކީއެކަށް ފުރިހަމަ ކުރެވޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ. "ވޯޓާސް ރަޖިސްޓްރީ އަޅުގަނޑުމެން ނިންމާލައި ފައިނަލްކުރިޔަސް ރަޖިސްޓްރީ އިއުލާންކޮށް ޝާއިއު ކުރެވޭނީ އިންތިހާބުގެ ތާރީހު ކަނޑައެޅުމުން،"


އޭނާ ވިދާޅުވީ އިންތިހާބު ބޭއްވުމުގެ ތާރީހު ކަނޑައެޅުމުގައި މިހާރު ދިމާވެފައިވާ ހުރަސްތައް ގިރާ ކުރުމުގެ މަރުހަލާ އޮތް ގޮތުން  އޮކްޓޫބަރުގެ ތެރޭގައި އިއުލާނު ކުރެވިދާނެ ކަމާމެދު ވެސް ޝައްކު އުފެދޭ ކަމަށެވެ.