ޖަރުމަނު ބުންޑެސްލީގާގެ ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔޭން މިޔުނިކަށް ކުޅެމުންދާ ޖަރުމަނުވިލާތުގެ ހުނަރުވެރި ފޯވަޑް ޖަމާލް މުސިއާލާ އެޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މުސިއާލާ ވަނީ މި އާ އެއްބަސްވުމާއެކު އެޓީމުގައި 2030ވަނަ އަހަރާ ހަމައަށް އެޓީމުގައި މަޑުކުރަން އެއްބަސްވެފައެވެ. އުމުރުން 21 އަހަރުގެ މުސިއާލާ ބަޔޭންއަށް ސޮއިކޮށްފައި ވަނީ 2019ވަނަ އަހަރަށް އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްސީގެ އެކަޑަމީއަށް ކުޅެމުންނެވެ.

އޭނާ އެންމެ ފުރަތަމަ އުމުރުން 18 އަހަރުގައި ސޮއިކުރި އެއްބަސްވުން ހަމަވާން އޮތީ 2026ވަނަ އަހަރުއެވެ. ބަޔޭން އާއެކު އާ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން މުސިއާލާ ހާމަކުރިގޮތުގައި ބަޔޭންއަކީ ދުނިޔޭގައި އެންމެ ބޮޑު އެއް ކްލަބެވެ. އަދި އޭނާ ޕްރޮފެޝަނަލް ކުޅުންތެިއެއްގެ ގޮތުގައި ފުރަތަމަ ފިޔަވަޅު އެޅީ މިކްލަބާއެކު ކަމަށާ އަދި ކުރިއަށް އޮތްތާނގާ މިކްލަބްގައި ހުރެގެން އިތުރު ކާމިޔާބީ ތަކެއް ހާސިލް ކުރެވިދާނެކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ވެސް މުސިއާލާ ހާމަކުރިއެވެ.

ޖަރުމަނުވިލާތުގެ ސްޓުޓްގާޓަށް އުފަން މުސިއާލާ ވަނީ އޭނާގެ އުމުރުން ވަރަށް ކުޑައިރު އިންގްލަންޑަށް ބަދަލުވެފައެވެ. އަދި އިންގްލަންޑްގެ އެކި އުމުރު ފުރާތަކަށް ކުޅުނު މުސިއާލާ 2021ވަނަ އަހަރުވަނީ އިންގްލަންޑާއި ނައިޖީރިއާގެ ބަދަލުގައި ޖަރުމަނުވިލާތް ހިޔާރުކޮށްފައެވެ. މިއާއެކު މިހާތަނަށް ޖަރުމަނު ޤައުމީ ޓީމަށް 38 މެޗު ކުޅެފައިވެއެވެ.

ބަޔޭންއަށް 193 މެޗު މިހާތަނަށް ކުޅެފައިވާ މުސިއާލާ ވަނީ 58 ލަނޑު ކާމިޔާބު ކޮށްދީ 31 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި އެޓީމާ އެކު ޔުއޭފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކޮށްފައިވާއިރު ބުންޑެސްލީގާގެ ތަށި ހަތަރު ފަހަރު އުފުލާލާފައިވެއެވެ. މިސީޒަންގައި މިހާތަނަށް އޭނާ ކުޅުނު 30 މެޗުގައި ވަނީ 15 ލަނޑު ޖަހައިދީ އަށް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ބަޔޭންގެ ރައީސް ހާބާޓް ހައިނާ ހާމަކުރިގޮތުގައި ބެލުންތެރިން ސްޓޭޑިއަމަށް ދަނީ މުސިއާލާ ފަދަ ކުޅުންތެރިންގެ ކުޅުން ދެކެލުމަށްކަމަށެވެ. އޭނާ އަކީ އާދަޔާ ހިލާފަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އަދި ބައެއް ފަހަރު ގްރެވިޓީގެ ގަވައިދު އޭނާއަށް ނުހިނގާހެއްވެސް ހީވާ ކަމަށް ވެސް ހާބަޓް ހައިނާ ބުންޏެވެ.