14 Feb 2025, 23:59
އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލަށް ކުޅެމުންދާ ޖަރުމަނުވިލާތުގެ ފޯވަޑް ކައި ހަވާޓްޒްގެ ފަޔަށް އަނިޔާވެފައިވަނީ ބޯޅައެއް މަތަކުރަން އުޅެނިކޮށް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ހާމަކޮށްފިއެވެ.
އާޓޭޓާ މިކަން ހާމަކޮށްފައިވަނީ ޕްރިމިއާ ލީގުގައި މާދަމާ ލެސްޓާ ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަވާޓްޒްގެ ފަޔަށް އަނިޔާވެފައިވަނީ ދުބާއީގައި ބޭއްވި ވިންޓާ ބްރޭކް ފަރިތަކުރުންތަކުގެ ތެރެއިން ފަރިތަކުރުމެއްގެ ތެރޭގައެވެ. އަދި މިއަނިޔާވެ ސަބަބުން މިސީޒަންގައި އޭނާއަށް އިތުރަށް ކުޅެވޭނެކަމަކަށް ނުބެލެއެވެ.
ހަވާޓްޒްގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާއިރު އޮޕަރޭޝަނަށްފަހު އޭނާއަށް ކުޅުމުގެ ތެރެއަށް އެންމެ އަވަހަށް ވެސް އާދެވޭނެކަމަށް ބެލެވިފައިވަނީ އަންނަ ސީޒަންގެ ޕްރީ ސީޒަންގައެވެ. އާޓޭޓާ ހާމަކުރި ގޮތުގައި ދުބާއީގައި ބޭއްވި ފަރިތަކުރުންތައް ވަރަށް ކާމިޔާބެވެ. ނަމަވެސް މި އަނިޔާގެ ސަބަބުން ޓީމަށް އަސަރު ކުރާނެކަމަށް ވެސް އާޓޭޓާ ހާމަކުރިއެވެ.
އެންމެ ބޮޑު ސަބަބެއް ކަމުގައިވެފައިވަނީ އެޓީމަށް މިހާރުވެސް ކުރިމަތިވެފައިވާ އަނިޔާގެ އިތުރު މައްސަލަތަކެވެ. އެހެން ކަމުން މިހާރު އަނިޔާގައި ތިބި ފޯވަޑުންގެ ލިސްޓަށް މި ވަނީ ގެބްރިއެލް ޖޭސުސް، ބުކާޔޯ ސާކާ އަދި ގެބްރިއެލް މާޓިނެއްލީގެ އިތުރުން ހަވާޓްޒްގެ ނަންވެސް އިތުރު ވެގެން ގޮސްފައެވެ.
އާސެނަލްގައި މިހާރު ފޯވާޑުންގެ ގޮތުގައި ތިބީ ލިއާންޑްރޯ ޓްރޮސާޑް، ރަހީމް ސްޓާލިން އަދި އީތަން އެންވަނޭރީއެވެ.
ޕްރިމިއާ ލީގުގެ އެހެން ބައެއް ކްލަބްތަކެކޭ އެއްގޮތަށް އާސެނަލަށް ވެސް މި ސީޒަންގައި ދިގު މުއްދަތުގެ އަނިޔާތައް އަންނަނި ވަމުންނެވެ. މިގޮތުން ބެން ވައިޓް އަދިވެސް އަނިޔާގައި ހުރިއިރު މާޓިން އޮޑެގާޑް އާއި ރިކާޑޯ ކަލަފިއޯރީ ވެސް އަނިޔާގައިވަނީ ދުވަސްތަކެއް ހޭދަކޮށްފައެވެ.
އާޓޭޓާ ހާމަކުރި ގޮތުގައި އޭނާގެ އަނިޔާވެފައިވާ ކުޅުންތެރިންގެ ތެރޭގައި ވޭދުވެދިޔަ ދެ ސީޒަންގައި 130 މެޗު ކުޅެފައިވާ ކުޅުންތެރިން އެބަތިއްބެވެ. އެހެން ކަމުން އެކުޅުންތެރިންނަކީ މިފަދަ އަނިޔާއަކާ ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވެދާނެކަމުގެ ބިރާއެކު ކުޅެމުންދާ ކުޅުންތެރިންނެވެ.