މިދުވަސްވަރު މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުންޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ އެންޑް ހެލްތް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ބުނެފި އެވެ.

ސީސީއެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ މިދުވަސްވަރު މާލެ އާއި ރާއްޖޭގެ އެކިއެކި ރަށްރަށުގައި ޑެންގީހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާކަން އެ ސެންޓަރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ޑެންގީ ހުންވަނީ ފެތުރެން ފަށައިފައިވާ ކަމަށް އެސެންޓަރުން ބުންޏެވެ.

ސީސީއެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް ޑެންގީ ހުންޖެހިގެން 455 މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން މާލެ އާއި ހުޅުމާލެއިން ވެސް ޑެންގީ ހުންޖެހިގެން 222 ކުދިންނާއި މީހުން ފެނިފައިވާއިރު އަތޮޅުތެރެއިން 233 ކުދިންނާއި މީހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ މިދުވަސްވަރަކީ ވިއްސާރަދުވަސްވަރަކަށްވާތީ މަދިރި އާލާވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ހިސާބުތަކެއްގައި ވެސް ބޮޑުވެފައިވާތީ އެކަން ކޮންޓްރޯލް ކުރުމަށް މިއަހަރުގެ މެއި މަހުން ފެށިގެން 12 ހަފްތާގެ ކެންޕޭނެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެ ސެންޓަރުގެ ފަރާތުން ކުރިއަށް ގެންދާ ކަމަށެވެ.