"ދުނިޔެއަށް އިންސާނުން ފޮނުއްވީ އަޅުކަން ކުޅައުމަށެވެ. ދިރިއުޅުމުގެ ވަގުތުތައް ބޭކާރުކޮށްނުލާ ތިބާ ހެއްދެވި ފަރާތުގެ ހަޟުރަތަށް ދިޔުމަށް ތައްޔަރުވެގެން ތިބޭށެވެ. މަސައްކަތެއްގައި ތިއްބަސް ޒިކުރުކުރުންފަދަ ކަމެއް ކުރެވިދާނެއެވެ. "

***

"އަހެދް ގެ ހިތް ހުޅުވާލަނީ މަދު ފަހަރެއްގައެވެ. އެ ހިތުގެ އުދާސްތައް ފެންނަނީ މަދު ފަހަރެއްގައެވެ. މުރުތަސިމް އަށް އެ ކަރުނައިގެ ސަބަބު އެގެން ހިތް އެދުނެވެ. އަހެދް އޭނައަށް ހުރިހާ ވާހަކައެއް ކިޔައިދޭން ހިތް އެދެވުނެވެ. މުރުތަސިމް ގެ އިނގިލިތަށް ބޭއިޚްތިޔާރުގައި އެ ކަރުނަތައް ފޮހެލަދިނެވެ. މޫނުގައި ހިފަހައްޓާލައިގެން ހިނދުކޮޅަކަށް ހުރެވުނެވެ. ތުނި ވާރޭ ބޯ ކުރަން ފެށިއެވެ. އަހެދް ގެ ލޮލުގެ ރަވައިގެ ކުލަ މަޑު ރަތަށް ބަދަލުވެ ދިޔައެވެ. މުރުތަސިމް އެ މޫނުގައި ހިފައި ކައިރި ކޮށްލިއެވެ. ދެމީހުންގެ ލޯތަށް ބައްދަލުވެފައި ވީ ނިމުމެއް ނެތް ބެލުމަކަށެވެ. ނަމަވެސް ބޯ ވާރޭ ތިކިތައް އެދެމެދަށް ހުރަސް އެޅިއެވެ. އަހެދް އަށް އޭނާ ގެ މޫނު މުރުތަސިމް އަތު ތެރެއިން ވަކި ކުރުވިއެވެ. އަދި ފަސް އެނބުރުނެވެ. އޭނާގެ ހިތް އެހާ ފަސޭހައިން މުރުތަސިމްއަށް ހުޅުވާލެވެނީ ކީއްވެބާއެވެ. މުރުތަސިމްގެ ކުރިމަތީ އޭނާގެ ބަލިކަށިކަން އިތުރުވަނީ ކީއްވެބާއެވެ.

" ވެއިޓް...." އޭނަ އަށް ހިފުނީ އަހެދް ގެ އަތުކުރީއެވެ. އަހެދް ގެ ހިތާމަ އެނގެން ބޭނުންވިއެވެ. އަހެދް އެވަގުތު މޫނު އަނބުރާލިއެވެ. މުޅި އިސްތަށިގަނޑު އޮތީ ހާމައަށެވެ. އޭނަ އަހެދް ގެ ބޯ ނިވާ ކޮށްލަދިނެވެ.

" ޔޫ މައިޓް ކެޗް އަ ކޯލްޑް..."އޭނައަށް އެވާހަކަ އަހަން ފަސްޖެހުނެވެ. އަހެދް ކިޔައިދޭނެ ކަމާއި މެދުވެސް ޝައްކެވެ. އެހެން ނޫނަސް އަހެދް އެއި އަޑި ނޭގޭ ފުން ކަނޑެކެވެ. މީހާ ބަދަލު ވެދާނީ ކޮން އިރަކު ކޮންވަގުތަކު ކަމެއް ނޭގެއެވެ. އިތުބާރުކުރަން ފަސްޖެހެވެއެވެ. ނަމަވެސް އެކަމަށް ހިތް އެދެވެއެވެ. ސިކުނޑިޔާއި ހިތް މުޅީން އޮޅުންބޮޅުން އަރައެވެ.

" އައިމް ފައިން އައި ކޭން ޑޫ އިޓް...." އަހެދް އޭނަ އާއި ދުރަށް ޖެހެލިއެވެ. އަދި ބޮލުގައި ޝޯލް އޮޅާލިއެވެ.

އެ ބޯ ވިއްސާރައިގައި މަގުގެ އެއް ކޮޅުން މީހެއްގެ ހިލަމެއް ވިތަން ފެނެއެވެ.

" މީހެކޭ....ހެލްޕް...." މުރުތަސިމް އަތް ހިއްލާލާފައި ގޮވަމުން ދިޔައިރު ހީވީ މަރުވެދާނެތީ ބިރުން އުޅެނީހެންނެވެ. އަހެދް އަށް ހެވެން ފެށުނެވެ. ވާރެއާއި ތެމިފައިވުމުން ހީކަރުވައިގެން ތުުރުތުރު އަޅަން ފެށިއެވެ. އަމިއްލަ ހަށިގަނޑުގައި ބައްދައިލެވުނެވެ. އެވަރުންވެސް މުރުތަސިމް ހަޅޭއްލަވާ ފާޑުން ހެވެން ފެށެނީއެވެ.

"ކޮން ކަމަކާ ތި ހެނީ....އަތް ހޫރަބަލަ....އެމީހާއަށް ނުފެނި ދާނެ...." މުރުތަސިމް ހަރުކަށިވިއެވެ.

" އާނ...އެމީހާ އެ ދަނީ ބޯޓެއްގަވިއްޔާ....އަހރުމެން މިތިބީ ފަޅު ރަށެއްގަ....ދޯނި ގެނބިފަ....ސިމް އަށްވެސް ހިނގާފަ ދެވޭނެ އެއްނު އެމީހާ ކައިރިޔަށް...ސާބަސް...." އަހެދް ތުރުތުރު އަޅާވަރުން ހެވެނީ ވެސް މަޖާ ގޮތަކަށެވެ.

" ޔޫ އާ ޓޯޓަލީ މެލްފަންކްޝަންޑް....." އަހެދް ދެއްކީ ރަނގަޅު ވާހަކައެއްކަން ވިސްނުނުނަމަވެސް އެކަން ގަބޫލުކުރަން ބޭނުމެއްނުވިއެވެ. އިތުރަށް އަހެދް އަށް ވެސް ކޮށްލީ ޖެއްސުމެކެވެ.

އެތަނަށް އައީ ދަނޑުވެރިކަން ކުރާ މީހެކެވެ. އޭނާ އަށްވެސް މުރުތަސިމް އާއި އަހެދް ފެނުމުން ހަބަރު ބަލަިއލަން އައީއެވެ.

" ކާރު ހުއްޓުނީތަ؟"އެ މުސްކުޅި ފުރައިގެ ބޭބެ ސުވާލުކޮށްލިއެވެ. މުރުތަސިމް އޭނައާއި ވާހަކަދެއްކީ އަދަބުވެރިކަމާއެކުގައެވެ.

" ތިކަހަލަ އުލަނދުފަހަރު ބޭބެ މެން ނުގެންގުޅެނީ އެހެންވެވެ....ބައިސްކަލުތަކުގަ ތިފަދަ މައްސަލަ ދިމާއެއް ނުވާނެ ވިއްޔާ..." އޭނަ ކާރަށް ލޯ ހިންގައިލިއެވެ.

" ހިނގާ ދާން...މިތާ ކައިރީގައި ހަޓެއް ހުންނާނެ..އެތަނަށް ގޮސް ތި ކުދިން ބޭނުންވާ މީހަކަށް ގުލާލެވޭނެ...މި ހިސާބްު ރޭންޖް ވަރަށް ދަށް ވާނެ....އެކމަކު އެ ހަޓަށް ލިބޭނެ ކޮންމެވެސް ވަރަކަށް...." އޭނަ މަގު ދައްކަމުން ކުރިއަށް ހިނގައިގަތެވެ. އެއިރު އަހެދް ރޫ ރޫ އަޅަމުން ދިޔައެވެ. އޭރު ބޯ ވާރެ ތުނި ކޮށްލައިފިއެވެ.

" ބައިސްކަލަކަށްވެސް އެރޭނޭ އެންމެ މީހެއްނު ބޭބޭ....ކިހިނެއް މިޒަމާނުގަ ބައިސްކަލުގަ އުޅޭނީ....ހައިވޭއި މަތީގަވެސް ބައިސްކަލު ނުދުއްވޭ މިހާރު...." މުރުތަސިމް ބޭނުންވީ ބިރައްޓެހިކަން ކަނޑުވައިލުމަށެވެ. އަހެދް ފަހަތުން މަޑުން އަންނަތަން ފެނުމުން އެ މުސްކުޅި ބޭބޭ މަޑުކޮށްލިއެވެ.

" މަންޖެ މުޅީން ތުރުތުރުއަޅާފައެއްނު.....އެއީ އަނބިގޮއްޔެތަ؟"އޭނަ ސުވާލުކުރިއެވެ. މުރުތަސިމް ބޯ ޖަހާލިއެވެ. އެ ބޭބެ މަޑުކޮށްގެން ހުރުމުން މުރުތަސިމް އަހެދް އާއި ދިމާއަށް ދިޔައެވެ. އަދި ގަޔާއި ކައިރިކޮށްލުމުން ލޯ އަޅައިލިއެވެ.

" ހީ އިޒް ލުކިންގް...." މުރުތަސިމް ބުނެލިއެވެ.

"ދެން؟އެ ބޭބެ އެއީ އާއިލީ މިހަކީތަ؟ޑޫ ވީ ހޭވް ޓު ޝޯ ވީ...އާ މެރީޑް..." އަހެދް ތުރުތުރު އަޅާވަރުން ބުނި އެއްޗެއްވެސް އެހާ ސާފެއް ނޫނެވެ.

" ޝްޝްޝް....ބާ ޖެނެރޭޓަރެއްގެ އަޑު އިވެނީ...ޖަސްޓް ސްމައިލް އެންޑް ހޯލްޑް އޮން ޓު މީ...މީ ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގޭ....ވީ ހޭވް ޓު ބީ ވެރީ ކޯޝަސް...." އަހެދް ކައިރި ކޮށްލި ވަގުތު އޭނާގެ ހިތް ބާރަށް ތެޅެން ފެށުނެވެ. އޭނަގެ ހިމާޔަތު ތެރެއަށް އަހެދް ގެނެވުމުން ތަފާތު ހިތްހަމަޖެހުމެއް ލިބުނެވެ. ރޫހަށް ލިބުނު ހޫނެކެވެ.

" އަދި އާ ކޮޅު ދޯ؟....ބޭބެ މެން ޒަމާނުގަ ހަމަ ބައިސްކަލުގަ ދަނި މަންޖެ ގޮވައިގެން....މިހާރުވެސް ހަމަ ދެވޭނެ...އެކަމު..." ބޭބެ ގެ ލޯ ފެންކަޅިވިއެވެ. ހަޓުގެ ހިޔާ ލިބޭ ހިސާބަށް އާދެވުނެވެ. އެ ބޭބެ މުރުތަސިމް އަށް ދިއްކޮށްލީ ބޯ ރަޖާއެކެވެ.

"އެބަ އަންނަން ސައި ފޮދެއް ހިފައިގެން...." އޭނަ މެހުމާންދާރީ އަދާކުރުމުގައި ދެވަނައެއްނެތެވެ. މުރުތަސިމް އެކަން މަނާ ކުރުމަށް ޖަވާބު ދޭނެ ފުރުސަތެއްވެސް ނުދެއެވެ.

އަހެދް އެ ކުޑަ ޖިފުޓި ތެރެ ހޯދައިލިއެވެ. ވަރަށް ސާފެވެ. ކުޑައެއްކަމަކު ހުރިހާ އެއްޗެއްވެސް ތަރުތީބުން ބަހައްޓާފައެވެ. ކުޑަދޮރު ކައިރީގައި ހުރި ވަކަރު މޭޒަށް އޭނާގެ ސަމާލުކަން ދިޔައެވެ. ކުޑަދޮރުގެ ބިއްލޫރީގައި ވާރޭ ތިކިތައް ލަސްލަހުން ދަތުރުކުރަމުންދާއިރު، ބައްތީގެ އަލިކަމުގައި އެ ތިކިތަކުގެ ނަމޫނާތައް ފެންނަމުންދެއެވެ. އަހެދް ކައިރީގައި ހުރި މުރުތަސިމް ވެސް ހޫނަށް ބޭނުންވެފައި ވިއެވެ.

" ވި ކޭން ޝެއާ...." އަހެދް ބުނެލިއެވެ. ރަޖާގެ އެއްބައި މުރުތަސިމް އަށް ދިއްކޮށްލަމުންނެވެ.

"އިޓްސް ފައިން...." މުރުތަސިމް ބުނެލިއެވެ.

***

"ކީރިތި ގުރުއާން ތިބާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެއެވެ. ތިބާއާއި ﷲ ތައާލާއާއި ގުޅުވައިދޭނެއެވެ. އަދި ތިބާއަށް ސުވަރުގެއަށް މަގުދައްކާދޭނެއެވެ."

ބަލިމީހަކު މައިރާއަށް ފޮނުވި ޕޯސްޓާއިމެދު ވިސްނަން އިރުކޮޅަކު އިންއިރު ގައިން ހީބިހިނެގިއެވެ. އެއީ މައިރާގެ ވިސްނުން ބަދަލުކޮށްލި ބަލިމީހެކެވެ. އޭނަ ބުނިގޮތުން ގުރުއާންގެ އާޔަތެއް ކިޔަވަން ފެށުމުން ބަލަބަލާ ހުއްޓާ ލޭގެ ޕްރެޝާވެސް ދަށްކުރުވައެވެ. ސްޓްރެސް ފިލުވާ ހިތަށް ތަފާތު ފިނިކަމެއް ގެނެސްދެއެވެ. ތަނެއްގައި ރިއްސައިގެންވެސް ފާތިހާ ސޫރަތް ކިޔެވުމުން ޝިފާ ލިބެއެވެ. ކުރިންނަމަ މައިރާއަށް އެފަދަ ވާހަކައެއް ގަބޫލުކުރަން ފަސޭހައެއްނުވާނެއެވެ.

ބަލިމީހުންނާއެކު މަސައްކަތްކުރުމުގެ ސބަބުންނާއި ލޯ ކުރިމަތީގައި ދުނިޔެ ދޫކޮށްދާ މީހުން ފެންނާން ފެށުމުން "މަރު" އޭނަގެ ޚިޔާލަށް އަންނަވަރު ގިނަވިއެވެ. އެކަމާއި ވިސްނި ވަރަކަށް ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކުރަން ހިތް ބާރުއެޅިއެވެ.

ދުނިޔެއަށް އައި ހަގީގީ މަގުސަދަކީ އަޅުކަން ކުޅައުމެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ގެއްލިގެން ދެވޭނީވެސް ދެވަނަ ފުރުސަތެއް ދުނިޔެއިން ލިބޭނެނަމަތާއެވެ. ދުނިޔޭގައި އުޅެން ލިބެނީވެސް އެންމެ ފަހަރަކުއެވެ.

"ޒަވީ..މިއުޅެނީ ގްރޫޕެއް ހަދަން؟"ޒަވިޔާރު ކޮޓަރިއަށް ވަންއިރު އޭނަ ހުރީ ކަކުލާއި ހަމަޔަށް އޮތް ދިގު ސޯޓަކާއި ގަދަފެހިކުލައިގެ ޓީޝާޓެއްގައެވެ. އަތުގައި ކަޅުކޮފީއެކެވެ. އޭގެ މީރުވަސް މުޅި ތަނުގައި ހިފައިލިއެވެ.

"ބޮޑުބެރު ގްރޫޕެއްހަދާ ބަލަ..........." ޒަވިޔާރު އެއްބުމަ އަރުވައިލިއެވެ. އަދި ކޮފީ ކޯވަރެއް ބޯލިއެވެ. "ބޭނުން؟"

"ބޭނުމެއް ނޫން................"މައިރާ ލެޕް އެއްފަރާތުގައި ބެހެއްޓިއެވެ.

"ދީނީ ވައިބާ ގްރޫޕެއް..ގުރުއާން ކިޔަވަން ހިތްވަރު ދިނުމާއި ދީނީ ދަރުސް އެއްޗެހި ޝެއާކުރަން.....ޒަވީ ބައިވެރިވާންވީނު..."

"މައި......ބުނަން ވާހަކައެއް...ތިދާ ރޭޓުން ވިއްޔާ ދުވަސްކޮޅަކުން މަށަށް ހީވަނީ ޑޮކްޓަރގެ ބަދަލުގައި އުސްތާޒާ މައިރާ ކިޔަން ޖެހިދާނެހެން...ބޮޑުވަރުކަން ނޭގޭ..އަބަދާ އަބަދު ދީނީ ދަރުސް އަޑުއަހަން ޖެހުނީމަ..ފޫހިވެގެންގޮސް ހަލާކުވެދާނެއްނު. ޝަހާދަތް ކީމަ ޕެރެޑައިސް ލިބޭނެކަމަށް އަހަރެން ގަބޫލުކުރަނީ......."

މައިރާ ސިހުމާއެކު އެެ މޫނުގެ ކުލަ އޮއްސުނެވެ. އަދި ލޮލުގެ ކޮޅުން ފެނުނު ކަރުނަ ތިކިން ޒަވިޔާރުގެ ހިތް މަޑުވެ ރާގު ބަދަަލުކޮށްލިއެވެ. ދީނާއި ބެހޭގޮތުން ހިތަށް އެރި އެއްޗެއް ބުނެވިގެން ނުވާނެކަމަށް އޭނަގެ ހިތުގެ ކަނަކުން އިންޒާރު ދިނެވެ. އަމިއްލަ ނަފުސްވެސް ކުށްވެރި ކުރެވުނު ވަގުތުކޮޅެކެވެ.

"ސޮރީ އެހެން ބުނި އެއްޗެއް ނޫން އިނގޭ.....މިބުނީ ދެން ގުރުއާން ކިޔަވާނެ މީހެއް ކިޔަވާނެ ދޯ...މައި އަމިއްލައަށް ކިޔެވީމަވީނު...އެހެން މީހުންނަށް ދީނަށް މަޖުބޫރުކޮށްގެން އަޅުކަން ކުރުވަން ނުޖެހެއެއްނު...."ޒަވިޔާރު މައިރާ ގާތު އިށީދެ އަތުގައި ފިރުމައިލިއެވެ."އަހަރެންގެ މަންމަ ރުއްސަން ކުރާހާ ކަންތައް؟ ހެހެ................."

މައިރާގެ ހިތުގައި ކުޑަކުޑަ ފޫހިކަމެއް އުފެދުނެވެ. ޒަވިޔާރުގެ ޝަޚުސިއްޔަތުދެކެ އޭނަ ފޫހިވާންފެށީހެއްޔެވެ؟ ނޫނީ މިއީ އަދި އޭނައަށް ނޭގޭ އެހެން މައްސަލައެއްހެއްޔެވެ؟ ދީނަށްޓަކާ މީހުންދެކެ ރުޅިއައުމާއި ފޫހިވުމަކީ އޮންނަކަމެއް ހެއްޔެވެ؟

ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭންފެށިއެވެ.

ޒަވިޔާރު ބޯ ހޫރައިލިއެވެ."އަބަދު ކޮންމެވެސް މީހަކު އެބަ އުދަގޫކުރޭ. ޕްރައިވެސީއެއްވެސް ނެތް............."

"މި ގްރޫޕްގެ ބޭނުމަކީވެސް އެއީ. ދީން ރަގަޅަށް އޮޅުން ފިލަންޖެހޭނެ. މިޒަމާނުގައި އިގްނޮރެންޓްވެގެން ކަމަކުނުދާނެ...ޒަވީއަށްވެސް ދީން އޮޅުމެއް ނުފިލާ. ނޫނީ އެނގޭކަމަށް ނަހަދަނީ....ފަހުން ޒަވީއާއި މިވާހަކަ ދައްކާނީ......"މައިރާ ގެ ސިކުނޑިއަށް ތަފާތު ޚިޔާލުތައް އުދަގޫކުރިއެވެ.

***

" ކޮބާތަ ސިމް އާއި އަހެދް......ދުއްވާލަން ދިޔަ ގޮތައް ހަބަރެއްވެސް ނުވޭ....އަހެދް ގެ ފޯނު އޮތީ ބަދިގޭގަ...ސިމް ގެ ފޯނަށް ގުޅޭ އެކަމު ޖަވާބެއް ނުދޭ..." މެންދުރުގެ ކެއުމަށް އިންސާފުކުރަން އެންމެން ތިބިއިރު އަހެދް އާއި މުރުތަސިމް އަށް އިންތިޒާރުކުރެވުނެވެ.

"ދެން މަންމާ....ނިއުލީ ވެޑްސް ގެ ހަބަރު އެހާ ބަލާކަށް ނުވާނެ....ނޮޓް ގުޑް..." އަލްބާން މަޖާކޮށްލިއެވެ. ޒަހްރާގެ މޫނު ރަތްވިއިރު އެންމެންވެސް ލަދުގަންނަގޮތްވިއެވެ.

" އެއްކަލަ މީހާ....ހަމަ ފުރުސަތެއް ނުލިބިފަ...ދެއާ އިޒް އޯލވޭއިސް އަ ޓައިމް އެނޑް ޕްލޭސް އަލް..." ޒަވިޔާރު ސީރިޔަސް ވިއެވެ. ޖޫރީގެ ހިނިގަނޑުފަޅައިގެން ދިޔައެވެ. މައިރާއަށް ވެސް ހެވުނެވެ.

" ދެން ޒަވީ ވެސް އެހާ ސީރިޔަސް ވާނެ ކަމެއްނެތް....ދަނީން ބަލާލަ ނިކަން....މިއަދު ނުހޭން ނިޔަތް ގަނެގެން އެހެރީ....މިއަދު ދަނީން މިހިރީ ކުޑަ ބެ ޓީމް އަކު ނޫން ދޯ...." އަލްބާން ބޭނުންވީ ދަނީންވެސް ހެއްވާލުމަށެވެ.

"ނޮޓް ފަނީ ކުޑަބެ...." ދަނީން ފޫހިގޮތަކަށް އަނގަޔަށް ހެދިއެވެ. އަލްބާން ވަނީ މަރްވާން އާއި ވާހަކަ ދެއްކުމަށް ފަހު މައްސަލަ ހައްލުކޮށްފައެވެ.

" އޯކޭ....އެހެންވީަ ދެން ހިނގާ ދޯ ފަށަމާ...އެކަމު ފެށުމުގެ ކުރީން...އައި ހޭވް އަ ސަޕަރައިސް ފޯ ސަމްވަން ސްޕެޝަލް...." އަލްބާން ގޮނޑިން ތެދުވެލިއެވެ. ޒަވިޔާރު ނިތުގައި އަތް އަޅާލިއެވެ. އެ ވަގުތު ބާބިލް ބަދިގެއިން އައި ކާ އެއޗިހީގެ ތަބައް ހިފައިގެންނެވެ.

" ލޯބި ވެވުނީތަ؟....މިހަކު ހޯދުނީ ދޯ އަލްބާން...." ނައީމު ފޯރީގައި ބުނެލިއެވެ. އެވަގުތު ބާބިލް ގެ ހިތާ ބާރަށް ތެޅިގަތެވެ.

" އާނ...އެކަމަކު..." އެވަގުތު ބާބިލް އަތުގައި ހުރި ތަބައް ވެއްޓުނެވެ.

ނުނިމޭ