ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހޯލުގައި ބާއްވަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ޖުޑީޝަރީން ބުނެފި އެވެ.

ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އެޗްޑީސީގެ ހޯލްގައި ބޭއްވުމަށް މަޝްވަރާ ފެށީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ ކަމަށެވެ.

ލަތީފާ ވިދާޅުވީ އެޗްޑީސީގެ ހޯލްގައި ޝަރީއަތް ބާއްވަނީ ޝަރީއަތް އަޑު އެހުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށާއި ޝަރީއަތް ފަށަނީ އަންނަ ރޯދަ މަހުގެ ތެރޭގައި ކަމަށެވެ.

"ނަޝީދުގެ މައްޗަށް ޝަރީއަތް ކުރުމަށްޓަކައި އެޗްޑީސީގެ ހޯލް ލިބޭތޯ އެޗްޑީސީއާއި މަޝްވަރާ ކުރަމުން މިގެންދަނީ. އެ މައްސަލައިގެ ޝަރީއަތް ފެށޭނީ ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ފަހުން،" ލަތީފާ ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ފޮނުވާފައި ވަނީ ސުޕްރީމް ކޯޓުގެ މަޝްވަރާގެ މަތިން ކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ފަތުރާފައިވާ ވާހަކަތައް ލަތީފާ ވަނީ ދޮގ ކުރައްވާފަ އެވެ. ވިދާޅުވީ ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ފޮނުވަން ނިންމި ނިންމުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމުގައި ސުޕްރީމް ކޯޓުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

"ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ފޮނުވާފައި ވަނީ ޕީޖީ އޮފީހުގެ އަމިއްލަ ނިންމެވުމަކަށް. އެކަމާ ސުޕްރީމް ކޯޓާއި މަޝްވަރާ ކޮށްފައެއް ނުވޭ" ލަތީފާ ވިދާޅުވި އެވެ.

ގާނޫނާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ނަޝީދާއި ތޮލްހަތުގެ މައްޗަށް ދައުވާ ކުރަނީ ކުށެއް ނުކުރާ މީހަކު ގާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.

އެ މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އަދި އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެއެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ އެއްވުމެއްގާއި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް ޖަވާބުދާރީ ވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި ކޮންމެ ވަގުތަކު ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް ކޯޓަށް ހާޒިރުވާން ތައްޔާރަށް ހުންނެވި ކަމަށެވެ.