ފިލްމު "ޖަބް ވީ މެޓް"ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ފަށަން ތައްޔާރަށް އޮތް ފިލްމުން ބަތަލާ އަނަންޔާގެ ބަދަލުގައި ފެންނާނީ ޝަރުވާރީ ވާގް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބަތަލާ ޝަރުވަރީއަށް އިމްތިޔާޒުގެ ފިލްމުން ފުރުސަތު ލިބުނީ އަނަންޔާއަށް ކުރިން ހުށަހަޅާފައިވާ ރޯލް އޭނާ ދޫކޮށްލުމުންނެވެ. އިމްތިޔާޒު އުފައްދަން ގަސްތުކޮށްފައިވާ ޕީރިއަޑް ރޮމޭންޓިކް ޑްރާމާއެއް ކަމަށްވާ ފިލްމުން ޝަރުވަރީގެ އިތުރުން ޒުވާން އެކްޓަރު ވެދާންގް ރައިނާ އަދި ތަޖުރިބާކާރު ދެ އެކްޓަރުން ކަމަށްވާ ދިލްޖީންތު ދޮސާންޖާއި ނަސީރުއްދީން ޝާހް ވެސް މުހިއްމު ރޯލްތަކުން ފެންނާނެއެވެ.

ޑައިރެކްޓަރު އިމްތިޔާޒު އަދި ބަތަލާ ޝަރުވަރީ ވާގް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފަހަކަށް އައިސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ޝަރުވަރީ ފިލްމަށް ގެންނަން ނިންމި ނިންމުމަކީ ބަތަލާގެ އެކްޓިން އާއްމުން ބަލައިގަނެފައިވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގެ މަސައްކަތް މި އަހަރުގެ އޭޕްރިލް މަހުތެރޭ ފަށާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ލޯބީގެ ފިލްމުތައް ގެނެސްދީފައިވާ އިމްތިޔާޒު އަންނަނީ "އިޑިއަޓްސް އޮފް އިސްތަންބޯލް"ގެ ނަމުގައި ވެސް ފިލްމެއް އުފައްދަމުންނެވެ.

މި ފިލްމުގެ ލީޑް ތަރިންނަކީ ބަތަލާ ތުރިޕްތީ ދިމްރީ އަދި ފިލްމު "ޕުޝްޕާ"ގެ ވިލެންގެ ރޯލްއިން ފެންނަ ސައުތު އެކްޓަރު ފަހަދު ފާސިލެވެ. މި އަހަރުގެ ޑިސެމްބަރު މަހު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ ފަހަދު ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.