ފިލްމީ ތަރިން ކަމަށްވާ ވަމީގާ ގައްބީއާ ރާޖްކުމާރު ރާއޯ މުހިންމު ރޯލެއް ކުޅޭ ފިލްމު "ބޫލް ޗަކް މާފް" ރިލީޒްކުރާ ތާރީޚަކީ އެކްޓަރު ސަނީ ޑިއޯލްގެ ވަރުގަދަ އެކްޝަން ފިލްމު "ޖާޓް" ވެސް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީޚު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމު "ބޫލް ޗަކް މާފް"އަކީ ބޮޑު ކާމިޔާބީއެއް ހޯދި "އިސްތިރީ" ގެނެސްދިން މެޑްޑޮކް ފިލްމްސްގެ އުފެއްދުމެކެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީޚަކީ މި އަހަރުގެ އޭޕްރިލް މަހުގެ 10 އެވެ. މި ތާރީޚަކީ އެކްޓަރު ސަނީ ޑިއޯލް ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ޖާޓް" ވެސް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީޚު ކަމަށްވުމުން މި ދެ ފިލްމުން ކުރި ހޯދާނެ ފިލްމަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ވަމީގާ ފިލްމު "ބޭބީ ޖޯން"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

ސަނީގެ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ގަދަރު 2" ރިލީޒްކުރި ތާރީޚުގައި އަކްޝޭ ކުމާރުގެ ފިލްމު "އޯ މައި ގޯޑު" ރިލީޒްކުރުމުން ސަނީގެ ފިލްމުގެ ހިޔަނި އަކްޝޭގެ ފިލްމަށް އެ އަހަރު ވަނީ އެޅިފައެވެ.

ފިލްމު "ގަދަރު"އަކީ ސަނީގެ ކެރިއަރުގެ އެންމެ މަގުބޫލު އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. މި ފިލްމަށް ފަހު ސަނީއަށް ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ލިބެމުން އަންނައިރު އެކްޓަރުގެ އިތުރު ފިލްމަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ސަނީގެ ފިލްމު "ޖާޓް" ރިލީޒްކުރާ ތާރީޚުގައި ރާޖްކުމާރު ރާއޯގެ ފިލްމު ރިލީޒްކުރި ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ރާޖްކުމާރު ރާއޯއަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރެއް ކަމެވެ. ހަމައެއާއެކު ރާޖްކުމާރު ރާއޯގެ ބަތަލާ ވަމީގާއަކީ ވެސް ފިލްމު "ބޭބީ ޖޯން"ގައި އޭނާ ދެއްކި ޕާފޮމެންސާ ގުޅިގެން ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.