ބޮލީވުޑްގެ ބަތަލާ ހުމާ ގުރައިޝީއާ ކޮއްކޮ ސާގިބް ސަލީމާ އެކީގައި އެއް ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާ ވެސް ލިބިފައިވާ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.

ހުމާއާ އެކު މި ފިލްމުގެ މުހިންމު ރޯލެއް ބަތަލާގެ ފިލްމު "މޮނިކާ، އޯ މައި ޑާލިންގް"ގައި އެކީގައި މަސައްކަތްކުރި އެކްޓަރު ސިކަންދަރު ހޭރު ވެސް ފެންނާނެއެވެ. ސިކަންދަރު ވަނީ ހުމާގެ ކޮއްކޮ އެކްޓަރު ސާގިބް ސަލީމާ އެކު އެމޭޒަން ޕްރައިމްގެ ސީރީޒް "ސިޓަޑެލް:ހަނީ ބަނީ"ގައި ވެސް އެކީގައި މަސައްކަތްކޮށްފައެވެ.

ފިލްމު "ބޭބީ ޑޫ ޑައި"ގެ ނަމުން އުފައްދާ މި ފިލްމަކީ ހެއްވާ މަޖާ ހާދިސާތަކެއް ފެންނާނެ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށްވާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ނަޗިކެޗު ސަމަންތު ވަނީ ބުނެފައެވެ. ހުމާއާއި ސާގިބު ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވާ މި ކްރައިމް ކޮމެޑީގެ ވަރަށް ޚާއްސަ ރޯލަކުން ކުރީގެ މަގުބޫލު އެކްޓަރު ޗަންކީ ޕާންޑޭ ވެސް ބެލުންތެރިންނަށް ފެންނާނެއެވެ.

ފިލްމު "ބޭބީ ޑޫ ޑައި"ގެ ތަރިން ކަމަށްވާ ހުމާ،ސާގިބް އަދި ސިކަންދަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ހުމާއާއި ސާގިބް އެންމެ ފުރަތަމަ ބެލުންތެރިންނަށް އެކިގާއި ފެނިފައިވަނީ 2017ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދުބާރާ: ސީ ޔޯ އީވިލް"އިންނެވެ. ސާގިބް ވަނީ ސަލްމާން ޚާނާ އެކު ފިލްމު "ރޭސް 3"ގައި ވެސް ސްކްރީން ހިއްސާކޮށްފައެވެ.

އެ ފިލްމުގައި ސާގިބް ކުޅެފައިވަނީ ވިލެންގެ ރޯލެވެ. އޭގެ ފަހުން ވެސް ސާގިބް ފިލްމުތަކުން ފެނިފައިވީ ނަމަވެސް މާ ބޮޑު މަޝްހޫރުކަމެއް އެކްޓަރަށް ލިބިފައެއް ނުވެއެވެ. ބަތަލާ ހުމާ ވެސް ވެފައިވަނީ ބޮލީވުޑްގައި މާ ބޮޑު ކާމިޔާބީއެއް ނުހޯދުނު ފިލްމީ ތަރިއެއްގެ ގޮތުގައެވެ.

ފިލްމު "ތާރްލާ"އިން 2023ވަނަ އަހަރު ބެލުންތެރިންނަށް ފެނުނު ބަތަލާ އަންނަނީ ފަސް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހެއްވާ މަޖާ ފިލްމު "ޖޮލީ އެލްއެލްބީ 3" ވެސް ހިމެނެއެވެ.