14 Feb 2025, 10:34
އިންޑިއާގެ މަޝްހޫރު އެކްޓަރު އަނޫޕަމް ހޭރްގެ ކެރިއަރުގެ 544ވަނަ ފިލްމަށް އޭނާ ތައްޔާރުވަމުން އަންނައިރު ފިލްމުގައި އެކްޓަރާ އެކު ސްކްރީން ހިއްސާކުރާނީ އިންޑިއަން ސިނަމާގެ 'ބާހޫބަލީ' ޕްރަބާސް ކަމަށް ބުނެފިއެވެ.
އަނޫޕަމާ އެކު ޕްރަބާސް މުހިންމު ރޯލަކުން ފެންނާނެ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ސީތާ ރަމާމް"ގެ ޑައިރެކްޓަރު ހަނޫ ރަގަވަޕުދީ ޑައިރެކްޓްކޮށް މައިތްރީ މޫވީ މޭކާސްއިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމަށް ސޮއިކުރިކަން އިއުލާނުކުރަމުން އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އަނޫޕަމް ބުނެފައިވަނީ ތެލުގޫ އެކްޓަރު ޕްރަބާސްއާ އެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތަކީ އޭނާ އަބަދު ވެސް އުންމީދުކުރި ކަމެއް ކަމަށެވެ.

ފިލްމީތަރި އަނޫޕަމް ހޭރު އަދި ތެލުގޫ އެކްޓަރު ޕްރަބާސް. ދެ ތަރިން އަންނަނީ އެއް ފިލްމެއްގައި މަސައްކަތް ކުރުމަށް ތައްޔާރުވަމުން--ފޮޓޯ/ބޮލީވުޑްހަންގާމާ
ޕްރަބާސް ފަދަ ތަޖުރިބާހުރި ހުނަރުވެރި އެކްޓަރަކާ އެކު މަސައްކަތްކޮށްލުމުގެ ފުރުސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާނެ ފުރުސަތެއް ކަމަށާއި މިއީ ވަރަށް ގިނަ ކަންކަން ޕްރަބާސްގެ ފަރާތުން ދަސްވާނެ ފުރުސަތެއްގެ ގޮތުގައި އަނޫޕަމް ވަނީ ސިފަކޮށްފައެވެ.
ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރުމުގައި ވެސް ހަރަކާތްތެރިވާ އަނޫޕަމަކީ އިންޑިއާގެ ސިނަމާއަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އެކްޓަރެކެވެ. އެކްޓިންއާ ގުޅޭ ހުނަރު ދަސްކޮށްދީ ފިލްމީތަރިން އެކްޓު ކުރުމަށް ތައްޔާރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން އަމިއްލަ އެކަޑެމީއެއް ވެސް އަނޫޕަމް އަންނަނީ ހިންގަމުންނެވެ.
ނެޝަނަލް އެވޯޑުގެ އިތުރުން އިންޑިއާގައި ފަންނާނުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދްމާޝްރީގެ ޝަރަފު ވެސް ލިބިފައިވާ އަނޫޕަމް އެންމެފަހުން ފެނިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 17ގައި ރިލީޒްކުރި ޕޮލިޓިކަލް ޑްރާމާ "އިމަޖެންސީ"އިންނެވެ.