14 Feb 2025, 16:03
ޖުމުލަ 750 މިލިއަން ޑޮލަރުގެ ބިޓްކޮއިން ހުރި ހާޑް ޑްރައިވެއް ކުންޏާ އެކު ގޮނޑަށް އެއްލައިލެވުމުން، އެ ޑްރައިވް ނުފެނިގެން އެ ތަން އެއްކޮށް ގަތުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެ ހާޑް ޑްރައިވް ހޯދުމުގެ މަސައްކަތްކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
މި ހާޑްގެ ވެރިފަރާތް ކަމުގައިވާ ޖޭމްސް ހަވެލްސް، މިހާރު ވަނީ އިނގިރޭސި ވިލާތުގެ ހުޅަނގު ސަރަޙައްދުގައި އޮންނަ ސިޓީއެއް ކަމުގައިވާ ވޭލްސްގެ ނިއުޕޯޓް ސިޓީގެ ކުނިގޮނޑުން ހާޑް ޑްރައިވް ހޯދުމުގެ ހުއްދައަށް އެދި ނުވަތަ 495 މިލިއަން ޕައުންޑުގެ ބަދަލު ހޯދުމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަވެލްސް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ނަމަވެސް, މި އަހަރުގެ ޖެނުއަރީ މަހު ހައިކޯޓުގެ ފަނޑިޔާރަކު ވަނީ މި މައްސަލަ ބޭރުކޮށްލައިފައެވެ.
ނިއުޕޯޓް ކައުންސިލުން ވަނީ 2025-26 ގެ މާލީ އަހަރުގައި މި ކުނިގޮނޑު ބަންދުކުރަން ނިންމާފައެވެ. އެ ބިމުގެ ބައެއްގައި ސޯލާ ފާމެއް ގާއިމުކުރުމުގެ ހުއްދަ ވެސް ވަނީ ހޯދާފައެވެ.
"ކުނިގޮނޑު މިހާ އަވަހަށް ބަންދުކުރަން ނިންމި ނިންމުމަކީ ވަރަށް ބޮޑު ސަޕްރައިޒެއް، އަހަރެން ހާޑް ޑްރައިވް ހޯދުމަށް ކުނިގޮނޑު ބަންދުކުރުމަކީ ނިއުޕޯޓުގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ބުނެ ކޯޓުގައި ވާހަކަދެއްކި ކައުންސިލުން، މިހާރު އަމިއްލައަށް ކުނިގޮނޑު ބަންދުކުރަން ނިންމާފައި މި ވަނީ،" ހަވެލްސް ބުންޏެވެ.
ޖުމުލަ 1.4 މިލިއަން ޓަނުގެ ކުނި ހިމެނޭ މި ކުނިގޮނޑުން، ހާޑް ޑްރައިވް އޮތް ސަރަހައްދު 100,000 ޓަނުގެ ކުނި ހިމެނޭ ސަރަހައްދަކަށް ހަނިކުރެވިފައިވާ ކަމަށް ހަވެލްސް ބުނެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ހާޑް ޑްރައިވްގައި ހުރި ބިޓްކޮއިން، އަންނަ އަހަރު 1.2 ބިލިއަން ޑޮލަރަށް އަގު ބޮޑުވާނެއެވެ.
ކުރިން 2013 ވަނަ އަހަރު އޮފީސް ތަކެތި ސާފުކުރުމުގެ ތެރޭގައި، 7,500 އާއި 8,000 އާ ދެމެދުގެ އަދަދެއްގެ ބިޓްކޮއިން ހުރި ހާޑް ޑްރައިވް ކުނީގެ ގޮތުގައި އޮޅިގެން އުކާލެވުނީއެވެ. މިހާރު އެ ހާޑް ޑްރައިވް ގަތުމަށް އިންވެސްޓަރުންނާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ހަވެލްސް ބުނެއެވެ.