ރާއްޖޭގެ އަމަން އަމާންކަން ހިފެހެއްޓުމަށް ޓަކައި ކުރައްވަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވާފައިވާ ކަމަށް މަދަނީ އިއްތިހާދުން ބުނެފި އެވެ.

އެމްޑީޕީ އިން ހިންގާ ސީދާ ހަރަކާތުގައި މާލޭގެ ހަމަނުޖެހުން ނަގާލާ ކަމަށް ބުނެ އެކަންކަން ހުއްޓުވުމަށް މަދަނީ އިއްތިހާދުން ސަރުކާރުގެ އެކި މުއައްސަސާތަކަށާއި ބާއްވާ ސިލްސިލާ ބައްދުލުވުމުގެ ތެރެއިން މިއަދު ރައީސް ވަހީދާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބުދުﷲ ވިދާޅުވީ އެމްޑީޕީން މާލޭތެރޭގައި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދެއްވަން ރައީސް ހުންނެވީ ތައްޔާރަށް ނޫން ކަމަށާއި ރާއްޖޭގެ އަމަން އަމާންކަން ހިފެހެއްޓުމަށް ކުރުވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

"ފަހަރެއްގައި ވެސް މާލޭގެ މަގުމަތި ހަލަބޮލިކޮށް ރާއްޖޭގެ ރަށްތައް ނާމާންކޮށް މިކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި. އަދި އެކަމުގައި ސަރުކާރު އޮތީ ވަރަށް ސާބިތު ކަންމަތީގައި ކަމަށް ވަނީ ވިދާޅުވެފައި،" ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު އިމްރާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް އެމްޑީޕީން ސީދާ ހަރަކާތުގެ ނަމުގައި ކުރަމުންގެންދާ ކަންކަން ހުއްޓުވުމަށް މަދަނީ އިއްތިހާދުން ފަހަތަށް ނުޖެހޭނެ ކަމަށާއި އިއްތިހާދުން މިހާރު ކުރަމުންދާ މަސައްކަތަތަކަކީ ސަރުކާރުގެ މުއައްސަސާތަކާ އެކީ އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި ކުރަން ޖެހޭ ކަންކަމާ ގުޅޭ މަޝްވަރާކުރުން ކަމަށެވެ.

"މިކަމުގައި ސަރުކާރުގެ މުއައްސަސާތައް އޮތީ ވަރަށް ސާބިތުކަމާ އެކު ޕޮލިސް އޮތީ، އެކަމުގައި ވަރަށް ބޮޑަށް ތައްޔާރަށް ހަމައެކަނި ރައްޔިތުންގެ މަސްލަހަތަށް ޓަކައި އެ ބޭފުޅުން މަޑުމައިތިރިކަމާ އެކު މަސައްކަތް ކުރައްވަމުން ގެންދަވަނީ. ފަހަރެއްގައި ވެސް އެމްޑީޕީ މީހުން ދެކެ ބިރަކުން ނޫން،" އިމްރާން ވިދާޅު ވިއެވެ.

އޭނާ ވިދާޅުވީ މިހާރު މާލެގައި އެމްޑީޕީން ހިންގަމުން ގެންދާ ހަރަކާތްތައް ހުއްޓުވުމާ ގުޅޭ ގޮތުން އިއްތިހާދުގެ ކޮމިޓީން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމާށާއި މި އަންނަ ބުދަ ދުވަހުގެ ރޭ އިއްތިހާދުގެ ފަރާތުން ބައްވާ މާހެފުމުގައި އިއްތިހާދުން އެކަމުގައި އަމަލުކުރާނެ ގޮތެއް ހާމަކުރައްވާނެ ކަމަށެވެ.