16 Jul 2012, 13:31
އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ކުރި މުޒާހަރާގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަނިކޮށް، އެމަނިކުފާނުގެ ލޮލަށް ފުލުހުންގެ މީހަކު ޕެޕާސްޕްރޭ ޖެހި ކަމަށް އެމްޑީޕީން ބުނާ މައްސަލަަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
އެޗްއާރުސީއެމްގެ ރައީސާ މަރިޔަމް އަޒުރާ މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ލޮލަށް އަމާޒުކޮށް ޕެޕާސްޕްރޭ ޖެހި ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް މީޑިއާތަކުގެ ޒަރިއްޔާއިންނާއި ކޮމިޝަންގެ މެންބަރުންނަށް ފާހަގަކުރެވިގެން އެ މައްސަލަ ބައްލަވަމުން އަންނަ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހަޅާފައި އޮތް ކަމެއް އެނގިވަޑައިނުގެންނަވާ ކަމަށެވެ.
"ކޮމިޝަނަށް ފެނިގެން އެ މައްސަލަ ބަލަމުން މިގެންދަނީ، ކޮމިޝަންގެ ބައެއް މެންބަރުންނަށް ފާހަގަކުރެވޭ ކަންތައްތައް ވެސް ކޮމިޝަނުން ބަލާނެ. މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނެތް،" އަޒުރާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ލޯފުޅަށް އަމާޒުކޮށް ޕެޕާސްޕްރޭ ޖަހާފައި ވަނީ ފުލުހުންގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަން ޕޮލިސްގެ ޔުނިފޯމްގައި ތިބި ބަޔަކު ބެރެކޭޑްގެ އެތެރެއިން ރައްޔިތުންގެ ތެރެއަށް ވަދެގެން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި މިހާރު އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއާއި ފޮޓޯތައް ވެސް ވަނީ ބައެއް ސޯޝަލް ނެޓްވޯކްތަކުގައި އާއްމުކޮށްފަ އެވެ.
ރައީސް ނަޝީދުގެ ލޮލަށް ސީދާ އަމާޒުކޮށް ޕެޕާސްޕްރޭ ޖެހި ކަމަށް ބުނާ ވާހަކަ ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ފުލުހުން ބަހައްޓާފައިވާ ބެރިކޭޑުން އެތެރެއަށް ވަނުމަށް މަސައްކަތްކުރި މީހުން ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭ ފުލުހުން އެރޭ ބޭނުން ކުރި ކަމަށް ބުންޏެވެެ.