16 Jul 2012, 12:55
ބާޒާރުގައި މުދަލުގެ އަގުތައް ހުންނަ ގޮތް އާންނުމަށް ފޯރުކޮށް ދިނުމަށްޓަކައި "ބާޒާރުގެ އެންމެ ހެޔޮ އަގު" ނަމުގައި ރޯދަ މަހު ޕްރޮގްރާމެއް ހިންގަން އިކްނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 11:30 ގެ ކުރިން މިނިސްޓްރީއަށް ލިބޭ އަގުތައް ދިރާސާ ކުރުމަށްފަހު މިނިސްޓްރީން އެކުލަވާލާ ލިސްޓުގައި ހިމެނޭތަކެތީގެ ތެރެއިން އެންމެ ހެޔޮ އަގުގައި ތަކެތި ލިބެން ހުންނަ ފިހާރައެއްގެ ނަމާއި އެތަކެތި ލިބޭ އަގުތަށް މީޑިއާ މެދުވެރިކޮށް އާންމު ކުރުމުގެ އިތުރުން އެމިނިސްޓްރީގެ ވެބްސައިޓުގައި ހިމަނާނެ ކަމަށެވެ.
"ބާޒާރުގައި އެންމެ ހެޔޮ އަގު" ޕްރޮގްރާމްގެ ދަށުން މުދާ އެންމެ ހެޔޮ އަގުގައި ލިބެންހުރި ތަންތަނާއި އަގުތަކާއި ހިމަނާއިރު އަގުތަކަކީ ސައްހަ އަގުތަކެއްތޯ ބަލަން މިނިސްޓްރީން ރެންޑަމްކޮށް ޗެކްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ އަގުތައް އާންމުންނަށް އަންގައިދޭ އެ ޕްރޮގްރާމަށް ރީޓެއިލް ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ޕްރޮގްރާމްގުގައި ބައިވެރިވާން އެދޭ ފަރާތްތައް ރަޖިސްޓްރިީވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މިއީ ރާއްޖޭގެ ބާޒާރުގައި އެއް ބާވަތްތެއްގެ މުދަލުގެ އަގު ތަފާތު އަގުތަކުގައި ލިބެން ހުންނާތީ އާއި ބައެއް ބާވަތްތަކުގެ އަގުގައި ތަފާތު ބޮޑުކަން ފާހަގަކުރެވޭތީ ރޯދަމަހު މުދަލުގެ އަގުތަކާއި ލިބެން ހުންނަ ފިހާރަތަކާބެހޭ މައުލޫމާތުތައް އާންމުނާއި ފަސޭހަކޮށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.