ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމަށް، އެނބުރި ގައުމަށް ދިޔަ ކުލަބް ވެލެންސިޔާގެ ބެނިންގެ ފޯވާޑް، އަކާ ސަލޮމަން ވިސްޑަމް މިމަހުގެ 20 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އެކުލަބުން ބުނެފި އެވެ.

ވެލެންސިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ، ވޯލްޑް ކަޕް ކޮލިފައިން އެފްރިކާ ޒޯނުގެ ކޮލިފައިން ދެ ވަނަ ބުރުގައި ވާދަކުރުމަށް އެބުރި ގައުމަށް ދިޔަ ޓީމުގެ ފޯވާޑް މިމަހުގެ 20 ވަނަ ދުވަހު މާލެ އަންނާނެ ކަމަށާއި އެހެން ކަމުން ޓީމަށް އިތުރު ހިތްވަރެއް އަލުން ލިބޭނެ ކަމަށެވެ.

"ފޯވާޑުންގެ މައްސަލަ ވެލެންސިޔާއަށް ވަނީ ކުރިމަތިވެފަ. ސަލޮމަން އައުމުން ޓީމަށް އިތުރު ހިތްވަރެއް ލިބޭނެ.އަހަރުމެން މިބަލަނީ މިމަހުގެ 20 ވަނަ ދުވަހު ސަލޮމަން ޓީމާ ގުޅޭނެ ކަމަށް،"ނާދު ބުންޏެވެ.

މިފަހަރުގެ ސީޒަންގައި ވެލެންސިޔާއަށް ރަނގަޅު ފޯވާޑަކު ނެތް މައްސަލަ ކުރިމަތި ވެފައި ވާއިރު، މިހާރު ކުރިއަށްދާ ދިރާގް ދިވެހި ލީގުގައި ވެސް ވެލެންސިޔާ އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. އެގޮތުން ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ނިމުމަކާ ގާތަށް އަންނައިރު ވެލްންސިޔާއަށް ދެ ވަނަ ބުރުގައި ބާކީ އޮތީ ތިން މެޗެވެ. އެއީ އީގަލްސް އާއި މާޒިޔާ އަދި ވިކްޓަރީގެ މެޗެވެ. ލީގުގައި މިހާތަނަށް ވެލެންސިއާ އަށް 11 މެޗު ކުޅެގެން ލިބިފައި ވަނީ އެންމެ ހަތް ޕޮއިންޓެވެ. ލީގުގަ ގަދަ ހަޔަކުން ޖާގަ ނުލިބޭ ޓީމުތައް ރެލިގޭޝަން ކުޅެން ޖެހެ އެވެ.