16 Jul 2012, 12:47
މި އަހަރުގެ ފިތުރު ޒަކާތަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓުރީން ބުނީ ރޯދަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް މާލެ އާއި ހުލުމާލެ އާއި ވިލިމާލޭގައި އުޅޭ މީހުން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ޒަކާތަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި އައިޑީކާޑުގެ އަސްލާއި ކޮޕީއަކާ އެކު ރޯދަމަހުގެ 14 ވަނަ ދުވަހުގެ 1:00 ޖެހުމުގެ ކުރިން ހުށައަޅަން ޖެހޭ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ މާލެފިޔަވައި އެހެން ރަށްރަށުގައި އުޅޭ މީހުން ފިތުރު ޒަކާތަށް ނަން ނޯޓް ކުރާނީ އެރަށު ކައުންސިލްތަކުގެ އިދާރާތަކުގައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތަށް އެދެވޭނީ މަހަކު އާމްމުދަނީގެ ގޮތުގައި 2000 ރުފިޔާއަށް ވުރެ މަދުން ލިބޭފަރާތްތަކަށް ކަމަށެވެ.
މިދިޔަ އަހަރުގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުން ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 194 ރަށަކުން 48،000 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މާލެއިން ފިތުރު ޒަކާތް ހޯދުމަށް މިދިޔަ އަހަރު 10،621 މީހަކު ރަޖިސްޓްރީ ކޮށްފައިވެ އެވެ.