12 Feb 2025, 15:28
ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން, ހުޅުމާލޭގެ ސެލޫންތަކާއި ފަހާ ތަންތަން ވެސް އިއްޔެ ބަލައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގެ ސެލޫންތަކާއި ފަހާ ތަންތަނާއި ކެފޭތައް ހިމެނޭ ގޮތަށް ފަސް ތަނެއް ބަލައިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ސައްހަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން އިއްޔެ ވަނީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރި ފަރާތެއް ޑީޕޯޓު ކޮށްފައި ވާކަމަށްވެސް ބުނެފައެވެ. އަދި އެކަމުގައި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެން މީހާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށައިފައެވެ.
އެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން އަންނަނީ، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.