16 Jul 2012, 12:29
"ޔުނިޓީ ޓޯކްސް" ގެ ނަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން އަވަސް މަޝްވަރާތަކެއް ފަށަން އައިޑީޕީން ގޮވާލައިފި އެވެ.
އައިޑީޕީގެ ރައީސް ހަސަން ޒަރީރު ސޮއި ކުރައްވާ މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނަނީ ރާއްޖޭގައި މިހާރު ހިނަގަމުން މިދާ ސިޔާސީ ހަލަބޮލި ކަމަށް ސިޔާސީ ގޮތުން ހައްލެއް ގެނެވޭނެ ގޮތެއް ފެނޭތޯ ބަލަން "ޔުނިޓީ ޓޯކްސް" ގެ ނަމުގައި އަވަސް މަޝްވަރާތަކެއް ފެށުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ އެފަދަ ބައްދަލުވުމެއް ބާއްވާއިރު އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ އިއްޒަތްތެރިއަކު ކަނޑައެޅުމަށް ވެސް އެ ޕާޓީން ގޮވާލާ ކަމަށެވެ.
ރާއްޖޭގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމު ރައްޔިތުންނަށް އަނިޔާ ލިބެމުންދާތީ އެ ޕާޓީން އެކަމާ ކަންބޮޑުވާ ކަމަށާއި އަދި ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް ހުރަސް ނޭޅުމަށް ސަލާމަތީ ބާރުތަކަށް ވެސް ގޮވާލާފައިވާއިރު އިހުތިޖާުތަކުގައި ބައިވެރިވާ މީހުން ވެސް ސިފައިންނާއި ފުލުހުންނަށް އެއްވެސް ގޯނާއެއް ނުކުރުމަށް ވެސް އައިޑީޕީން ވަނީ ގޮވާލާފައެވެ.
"ރާއްޖޭގައި މިހާރު ހިނގަމުންދާ ހަލަބޮލި މުޒާހަރާތަކުގައި އާންމު ފަރުދުންނަށާއި އަމަން އާންމު ބަލަހައްޓަވާ ފަރާތްތަކަށް ލިބެމުންދާ ނުހަނު ބޮޑެތި ގެއްލުމަކީ މިޕާޓީން ކަންބޮޑުވާ ކަމެކެވެ. ހަމައެހެންމެ ސުލްހަވެރިކަމާއި އެކު ކުރަމުންދާ އިހުތިޖާޖުތަކަށް ހުރަސް ނޭޅުމަށް ސަލާތީ ބާރުތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ގައުމުގެ އާންމު ހާލަތު ހަލަބޮލިވެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެއްލި ދިޔުމަކީ "ގައުމުގެ ޒިންމާދާރު ދަރިއަކު" އެކަމަށް ތާއީދު ކުރާނެ ކަމެއް ނޫންކަމަށާއި ސިޔާސީ ގޮތުން ހިތްހަމަ ނުޖެހޭ ކޮންމެ ދަނޑިވަޅަކު ތިމާގެ އަހާއަކީ ހަތުރަކަށް ނެހެދުމަށެވެ. އަދި މި ދަނޑިވަޅުގައި މިނިވަން މުއައްސަސާތަކުގެ ދައުރު އެންމެ ފުރިހަ ބާރާއި މާނާގައި އަދާކޮށް ރައްޔިތުން ތަހަންމަލް ކުރަން ޖެހިދާނެ ނުރައްކާތަކުން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައި ވެއެވެ.