16 Jul 2012, 12:25
ކްލަބް ވެލެންސިއާގެ ކުރީގެ މެނޭޖަރު އަބުދުﷲ ޝިބާއު އަށް ނޭނގި އެކުލަބުގެ ހިންގާ ކޮމިޓީގައި އޭނާގެ ނަން ރަޖިސްޓަރީކޮށްފައިވާ މައްސަލަ ބަލައިދިނުމަށް ޝިބާއު އެދިއްޖެ އެވެ.
އޭނާ މިއަދު ބުނީ ހުސްވި މާޗު މަހު އިންތިހާބުކުރި ވެލެންސިއާގެ އާހިންގާ ކޮމިޓީ އަށް އޭނާ އިންތިހާބުކުރީ އެކަން އޭނާ އަށް އެެއްވެސް ގޮތަކުން އެނގުމަކާ ނުލަައި އަދި ބައިވެރިވުމެއް ވެސް އޮވެގެން ނޫން ކަމަށާއި އަދި މިއަދާ ހަމައަށް ވެސް ކުލަބުގެ ފަރާތުން އޭނާ އަކީ ބޯޑުމެމްބަރެއްކަން ވެސް އަންގައިފައިނުވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީގައި ވެލެންސިއާއިން ރަޖިސްޓްރީކޮށްފައިވާ 19 މެމްބަރުންގެ ހިންގާ ކޮމިޓީގައި ޝިބާއުގެ ނަންވަނީ ހިމަނައިފަ އެވެ. އަދި ބޯޑަށް އިންތިހާބުކުރި އެއްވެސް ނަމެއް ވެލެންސިއާއިން މިހާތަނަށް އާއްމުކޮށް އިއުލާނުކޮށްފައިނުވެ އެވެ.
ވަރަށް ސިއްރުސިއްރުން ބޭއްވި ވެލެންސިއާގެ އިންތިހާބީ ޖަލްސާގައި ހިންގާކޮމިޓީގެ މަގާމުތަކަށް މީހުން ހޮވާފައިވަނީ ހުށަހެޅުނު ހުރިހާ ނަމަކަށް އެއްފަހަރާ ވޯޓަށް އަހައިގެންނެވެ. އިންތިހާބީ ޖަލްސާ އަށް ހޯމް މިނިސްޓްރީއަށް ކިޔާފައިވީ ނަމަވެސް އެއިދާރާއަކުން ހާޒިރެއްނުވެ އެވެ.
ޝިބާއު ވެލެންސިއާއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެއްވެސް މީހަކަށް ނޭނގި އެމީހެއްގެ އައިޑީކާޑާއި ނަން އަމިއްލަ ފައިދާއެެއް ހޯދުމަށް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އަދި ހާއްސަކޮށް މީހެއްގެ ސޮއި އެމީހަކަށް ނޭނގި ބޭނުންކޮށްފައިވުމަކީ ވެސް ވެލެންސިއާ ކަހަލަ "ޕްރޮފެޝަނަލް" ކަމަށް ދައުވާކުރާ ކުލަބަކުން ކުރި ދަށުދަރައިގެ އަމަލެއް ކަމަށެވެ. އަދި އޭނާއަށް ނޭގި އޭނާގެ ކޮނޑުގައި ބޮޑު ޒިންމާއެއް އެޅުވުމަކީ ބޮޑު ޖަރީމާއެއް ކަމަށް ވެސް ޝިބާއު ބުނެފައިވެ އެވެ. އަދި މިއީ ހިނގާފައިވާ ކަމެއްނަމަ އެކަން ސާފުކޮށްދިނުމަށެވެ.
ޝިބާއު އަދި ބުނީ އޭނާއަށް ނޭނގި ހިންގާ ކޮމިިޓީ އަށް އިންތިހާބުކޮށް ރަޖިސްޓްރީކޮށްފައިވާއިރު ދެންހުރި މަގާމުތަކުގެ ސައްހަކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
"ކިހިނެތް އެނގޭނީ ހިންގާ ކޮމިޓީގައި ދެންތިބި މީހުންނަށް އެނގިގެން ކަމެއް އެމީހުން އިންތިހާބުކުރީ. ފަސް މަސް ވެގެންދިޔައިރު އަހަރެން ގާތުވެސް އަހާނުލާ މިކަމަށް އެއްބަސްތޯ ވެސް. މަށަކީ ކުލަބުގެ މީހުންނާ ބައްދަލުނުވާ މީހެއްނޫން. އެހެންވީމަ ވެލެންސިއާގެ ހިންގާ ކޮމިޓީއާ ދޭތެރޭ ކޮންމެ މީހަކު ރަނގަޅަށް ވިސްނައިފިއްޔާ އެނގޭނެ މިވެގެން އުޅޭގޮތް." 2001ގެ ޕޮމިސްކަޕާއި ބަލިނުވެ 2002 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރި ވެލެންސިއާ ޓީމުގެ މެނޭޖަރު ބުންޏެވެ.
އޭނާ އަދި ބުނީ "ކުލަބު ލޯބީގައި ވެލެންސިއާއަށް ކުޅުނު ގިނަ ކުޅުންތެރިންނާއި ކުލަބަށް ހެޔޮއެދޭ ފަރާތްތަކުން ކުލަބާ ދުރަށް ދަނީ މެނޭޖްމަންޓުގައި ތިބި ބައެެއް ކަހަލަމީހުން މިކަހަލަ ޕްރޮފެޝަނަލް ކަންތައްތައް ކުރާތީ،" ކަމަށެވެ.
ޝިބާއު ބުނީ ކުލަބަށް ޖުލައި 1ގައި ފޮނުވި ސިޓީ އެފްއޭއެމާ ހަވާލު ކުރި ކަމަށާއި އެފްއޭއެމުން ސިޓީ ކުލަބު އޮފީހާ ހަވާލުކޮށްދޭނެ ކަމަށް ބުނެ ދިން ސްލިޕް ވެސް އޭނާގެ އަތުގައި އެބައޮތް ކަމަށެވެ.
"އެހެންވީމަ ވެލެންސިއާ އަށް ސިޓީ ލިބިފައި އޮންނާނެ ކަމަށް މިޔަގީންކުރަނީ. ދެން ޖުލައި ފަހެއްގަ މި މައްސަލަ ހޯމް މިނިސްޓްރީ އަށް ވައްދާނެ ކަމަށް ސިޓީގައި ބުނެފައިވި ނަމަވެސް ކުލަބު އޮތް ހާލަތަށް ވެސް ބަލާފައި އަދިވެސް މިމަޑުކުރަނީ. އެކަމަކު މިފަދަ ކަންތައް މިހާރު ހުއްޓާލަންވެއްޖެހެން ހީވަނީ. މީހަކު މައްސަލަ ނުޖެއްސިޔަސް ހޯމް މިނިސްޓްރީން ވެސް މިކަން ބެލުމަކީ އެމީހުންގެ ޒިންމާއެއް. އެއީ މީހެއްގެ ބޮލުގައި ވަރަށް ބޮޑު ޒިންމާތަކެއް އަޅުވާފައިމިވަނީ. ވިކްޓަރީ، ނިއުރޭޑިއަންޓް ފަދަ ކުލަބުތައް ވެސް އިންތިހާބު ބާއްވާ. ވެލެންސިއާގޮތަށް ފޮރުވައިގެންނޫން ކުރަނީ،" ޝިބާއު ބުންޏެވެ.
ނަމަވެސް މި މައްސަލާގައި ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (ދޮނާ) ފޯނު ނުނަންގާތީވެ ޖަވާބެއް ވަނީ ނުލިބިފަ އެވެ.
ޝިބާއު އަކީ 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާގެ މެނޭޖަރެވެ. މި މުއްދަތުގެ ޖެހިޖެހިގެން ދެ އަހަރު ދިވެހި ލީގު ކާމިޔާބުކުރިއިރު ވެލެންސިއާ ބަލިވީ އެންމެ މެޗަކުންނެވެ. އަދި އޭނާ ވަނީ 2009ގެ އޭއެއެފްސީ ކަޕާއި 2010 އާއި ހުސްވި އަހަރު ވެސް ވެލެންސިއާގެ މެނޭޖަރުކަންކޮށްފަ އެވެ.