މަގުމަތީގައި ފުލުހުންނާއި ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާނުލާނަމަ ކުރީގެ ރައީސް މުހަންމަދު ނަޝީދާއެކު މަޝްވަރާ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވެވަޑައި ނުގަންނަވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެމްޑީޕީން މަގުތަކަށް ނުކުމެ ސަލާމަތީ ބާރުތަކަށް ހަމަލާދީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގަމުން ގެންދާ ކަންތައްތައް ހުއްޓާނުލާހާ ހިނދަކު ސިޔާސީ ޕާޓީތަކުގެ ވެރިންގެ ވާހަކަތަކުގައި ރައީސް ވަހީދު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ދަނިކޮށް މަތީ ފެންވަރުގެ ވާހަކަތަކުގައި އެހެން ޕާޓީތަކުން ބައިވެރިވުމާ މެދުވެސް އެ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

"އެހެން ޕާޓީތަކުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ހުރީ އެމްޑީޕީން މިހާރު ފުލުހުންނާ ކުރިމަތިލާ އެސިޑް ޖަހައި އެތައް ހަމަލާތަކެއް ފުލުހުންނަށްދޭ އިރު މަޝްވަރާތަކުގައި އިށީނުމަށް، ރައީސް ވެސް ނިންމަވާފައިވަނީ އެ ހަރަކާތްތައް ކުރިއަށް ދަންޏާ އެމްޑީޕީއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކަށް އިށީންދެ ވަޑައިނުގަންނަވަން، އެއީ މި އަމަލުތަކުގެ ސަބަބުން އެބޭފުޅުންގެ އިހުލާސްތެރިކަމާ މެދު ސުވާލުއުފެދޭ. ވާހަކަތަކަށް ބޭނުންވަނީ އިހުލާސްތެރިކަން،" އައްބާސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ ދާދިފަހުން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ ވާހަކަތައް އެހެން ގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ދާދިފަހުން ރާއްޖެ ވަޑައިގެންނެވި އެމެރިކާއިން ސަފީ ރުވެސް ވަނީ ރައީސް މައުމޫނާއި އަދި ރައީސް ނަޝީދުވެސް ސުލްހައިގެ ވާހަކަތަކުގައި ދައުރެއް އަދާ ކުރެއްވުމަށް ގޮވާލައްވައިފަ އެވެ.

ރާއްޖޭގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސުލްހައިގެ ވާހަކަތައް ފެށީ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އެރޭގެ ވާހަކަތައް ފެށުނުފަހުން 16 ބައްދަލުވުމެއް ވަނީ ބޭއްވިފަ އެވެ. އެ ހުރިހާ ބައްދަލުވުންތަކުގައިވެސް ޕާޓީތަކަށް އެއްބަސްވެވިފައިވަނީ މަޝްވަރާ ކުރާނެ މައްސަލަ ތަކުގެ އެޖެންޑާއަކާ މެދު އެވެ. އެ މަޝްވަރާތައް މިހާތަނަށް ބާއްވާފައިވަނީ ޕާޓީތަކުގެ މަންދޫބުންގެ މެދުގަ އެވެ. ޕާޓީތަކުގެ މަޝްވަރާތައް ޖޫން މަހުގެ ތެރޭގައި މެދުކެނޑުނު ފަހުން މަޝްވަރާތައް ކުރިއަށް ގޮސްފައެއްނުވެ އެވެ. މަޝްވަރާތައް އަލުން ފެށުމަށް ބައިނަލް އަގުވާމީ މުޖުތަމައުން އަންނަނީ ބާރުއަޅަމުންނެވެ.