16 Jul 2012, 12:15
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީ އިން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީ އަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޓަކައި ޝަރީއަތައް ފޮނުވައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ވީޓީވީއަށް ގެއްލުން ދިން މައްސަލާގައި ތުހުމަތު ކުރެވޭ އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލައިގެ ޝަރީއަތް އަންނަ މަހު ތެރޭ ފަށާނެ ކަމަށެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވީޓީވީ އަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތު ކުރެވޭ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން އެ ކޯޓަށް ފޮނުވި އިރު އެ ކުއްޖާގެ އައިޑީކާޑު ހެދިފައި ނެތުމުން މައްސަލަ އަނބުރާ ފޮނުވާފައިވާނެ ކަމަށެެވެ. އަދި އޭގެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކޯޓުގެ އުސޫލު އޮންނަ ގޮތަކީ އައިޑީކާޑު ނަހަދާ އޮންނަ ކުދިންގެ މައްސަލަތައް ކޯޓަށް ފޮނުވިޔަސް އަޅުގަނޑުމެން އަނބުރާ ޕީޖީ އޮފީހަށް ފޮނުވަން. ދެން އެފަދަ މައްސަލަތައް ބަލައިގަންނާނީ އައިޑީކާޑު ހެދުމަށް ފަހު މައްސަލަ ހުށަހެޅުމުން. އެ މައްސަލައަށް ވެސް ވެފައި އޮތީ ހަމައެހެން،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ދައުލަތުން ކުރަނީ ކޮން ދައުވާއެއް ކަމެއް އަދި ސާފުވާގޮތެއް ނުވެ އެވެ.
ކުޑަކުއްޖާގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ރ. އަލިފުށީ ހަމީދީ މަންޒިލް، ހުސެއިން ހަމީދު،26، އާއި ހަމަ އެގޭ އަހުމަދު ހަމީދު 29، އާއި ހ. ލަދުމާގެއާގެ، އަހުމަދު ނައީމް27، އާއި އއ. ފެރިދޫ އާޒާދުގޭ، ޣާނިމް ހަސަން 19، އާއި މ. ނޫރުޒޭރުގޭ، ހުސެއިން ޝިފާއު ޖަމީލު 19، އާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު 50 އާއި ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދު 19، އާއި ގ. ހާލަމް، އަހުމަދު މުހީން 22، އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު އަދި ހޯދިފައި ނުވާތީ އެ މީހުންގެ ތަހުގީގު އަދި ފުރިހަމަ ނުވާ ކަމަށެވެ.