16 Jul 2012, 10:29
މެންޗެސްޓާ ޔުނައިޓެޑުގެ ބަލްގޭރިއާގެ ފޯވަޑް ޑިމިޓާ ބާބަޓޯވް ކުލަބު ދޫކޮށްލަން ބޭނުންވާއިރު ކޯޗު އެލެކްސް ފާގަސަން އޭނާ އަށް ދޮގުހަދާ ކަމަށް ކުޅުންތެރިޔާ ތުހުމަތުކޮށްފި އެވެ.
"އަހަރެން ދެކުނިން ނޫސްތަކުން އަހަރެން ވިއްކާލާ އަގަކީ 10 މިލިއަން ކަމަށް އެމީހުން (މެންޗެސްޓާއިން) ބުނެފައިވަނިކޮށް. އެކަމަކު އަހަރެން ގޮސް ސާ އެލެކްސް (ފާގަސަން)އާ ބައްދަލުކުރީމަ ބުނަނީ ފަސް މިލިއަން ކަމަށް. ދެން ކާކުބާ ތެދުމިހަދަނީ؟ ކަލޭމެންނަށް ހީވަނީ ކިހިނެތް؟" ޓޮޓެންހަމުން 30 މިލިއަން ޕައުންޑަށް ގެނައި ބާބަޓޯވް ބުންޏެވެ.
އޭނާ އަދި ބުނީ ހަގީގަތުގައި ވެސް އޭނާ މެންޗެސްޓާ ޔުނައިޓެޑްދެކެ ލޯބިވާ ކަމަށާއި އަދި ކުލަބުގައި ދެމިހުންނަން ބޭނުންވި ނަމަވެސް އޭނާ މެޗު ކުޅެން ނުލިބޭނަމަ އެެއްވެސް މީހަކަށްވާނެ ފައިދާއެއްނެތް ކަމަށެވެ.
"ހުރިހާ އެންމެނަށް ވެސް ރަނގަޅުވާނީ އަހަރެން ކުލަބުދޫކޮށްދިޔައިމަ. ކުޅުމުގެ ފުރުސަތު ނުލިބޭތީވެ އަހަންނަށް ވެސް އެންމެ ރަނގަޅުގޮތަކީ އެއީ،" ބާބަޓޯވް ބުންޏެވެ.
އޭނާ ވަނީ މެންޗެސްޓާ އަށް 48 ގޯލު ޖަހައިދީ ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.