16 Jul 2012, 10:24
ފޮރިން މިނިސްޓްރީން ގިނަ ހަރަދުތަކެއް ކޮށްފައި ވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް ވަކި ބަޔަކަށް ފައިދާ އާއި މަންފާ ހޯދައިދިނުމަށް ކަމަށް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އާންމުކުރައްވާފައިވާ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް އެ މިނިސްޓްރީން ހަރަދުކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ރިޕޯޓުގައި ބުނަނީ 2010 ވަނަ އަހަރު މިނިސްޓަރުގެ ފޯނު ބިލުތައް ދެއްކުމަށް 235001ރ. ހަރަދުކޮށްފައި ވަނީ މިނިސްޓަރުގެ އެލަވަންސްގެ ގޮތުގައި ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެލަވަންސްތަކާއި ހިލާފަށް ކަމަށެވެ. މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ދަށުގައިވާ ބައެއް މިޝަންތަކުގައި އިންޓާންޝިޕްގެ ގޮތުގައި ބައެއް ކުދިން ގެންގުޅެފައިވާ ކަމަށެވެ. އެ ކުދިންގެ ތެރެއިން ބައެއް ކުދިންގެ އިންޓާންޝިޕްގެ މުއްދަތުގެ ހަމަވެގެން ދިޔައިރު ވެސް ވަޒީފާގައި ގެންގުޅެފައިވާ ކަމަށާއި އެ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ދަރިންނާއި އާއިލީ ގޮތުން ގުޅުން ހުރި ކުދިންކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުން ދައްކާގޮތުން ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ މިޝަންތަކަށް 2010 ވަނަ އަހަރު 88.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލްތައް އެގެން ނެތް ކަމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އަދި މިޝަންތަކުގައި މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާފައި ނުވުމުން 2010 ވަނަ އަހަރު މުވައްޒަފުންގެ މުސާރައަށް ހަރަދުކޮށްފައިވާ 7.3 މިލިއަން ރުފިޔާއަކީ އެ މުވައްޒަފުން ހާޒިރުވި ދުވަހަށްދީފައިވާ ފައިސާކަން އެނގެން ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. މިނިސްޓްރީގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން 140617ރ. އިތުރަށް މުވައްޒަފުންނަށް ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން 80503ރ. ހޯދިފައި ނުވާކަމަށްވެސްވެ އެވެ.
ރާއްޖޭން ބޭރުގެ ބައެއް މިޝަންތަކުގައި ފައިސާ ޓްރާންސްފާ ކުރުމަށް އެއް އެކައުންޓަށް ވުރެ ގިނަ އެކައުންޓް ބޭނުން ކުރަމުންދާ ކަމަށާއި އަދި އޭގެތެރެ އިން ބައެއް އެކައުންޓްތަކަކީ ޑޮލަރު އެކައުންޓަކަށް ވެފައި އަނެއްބައި އެކައުންޓްތައް އެ ގައުމެއްގެ ފައިސާ އިން ހުރުމުން ދައުލަތުން ކުރަން ނުޖެހޭ ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ބައެއް މުވައްޒަގުންގެ މުސާރަ ވެސް އެގޮތައް ޓްރާންސްފާ ކުރަން ޖެހުމުން ހިނގާފައި ހުރި ހަރަދުތައް ވެސް ބޮޑުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ބޭރުގެ މިޝަންތަކަށް މިނިސްޓްރީން ހުޅުވަން ޖެހޭ ގިނަ އެކައުންޓްތަކެއް ހުޅުވައި އެ އެކައުންޓްތަކަށް ފައިސާ ފޮނުވާފައި ވަނީ ފިނޭންސްގެ ހުއްދަ ނެތި ކަމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
އަދި ޗައިނާ އެމަބްސީގައި ބޭނުން ކުރި ކާރެއް ވިއްކާލާފައިވާ މައްސަލަ އާއި އަދި ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގައި ދައުލަތުގެ ބަޖެޓުން ވެސް ފައިސާ ލައިގެން އިތުރު ވެހިކަލެއް ގަތް މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ ފެންމަތިކުރައްވައިފަ އެވެ. އަދި މިޝަންތަކުގެ ވަޒީފާގައި ތިބޭ މުވައްޒަފުންނަށް މުސާރަޔާއި އެލަވަންސްތައް ދެމުން ގެންދަނީ ސިވިލް ސާވެންޓުގެ ގާނޫނާއި ހިލާފަށް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން މިޝަންތަކުގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުން އެކޮމޮޑޭޝަން އެލަވަންސަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބައެއް މިޝަންތަކުގެ މުވައްޒަފުންނަށް ބަޖެޓުން ހޯދޭނެ ކަމަށް ބުނެފައިވާ ބައެއް ތަކެތީގެ ބޭރުން ފަރުނީޗަރާއި ހިފާގެންގުޅޭ ބައެއް ތަކެތި ހޯދައިފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ސަފީރުންގެ ގެކޮޅުތަކުގައި ގެންގުޅޭ ފޮޅާ ސާފުކުރާ މީހާ އާއި ކައްކާ މީހާއަށް ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެ ހަރަދަކީ ބަޖެޓުން ކުރެވޭނެ ހަރަދެއް ނޫންކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
މިޝަންތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ދައުލަތުގެ ބަޖެޓުން މޯބައިލް ފޯނު ގަނެ ލިވިން އެލަވަންސްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ކަނޑައެޅިފައިވާ ގޮތާ ހިލާފަށް ފައިސާ ނަގާފައިވުމާއި އަދި ދަރިންނަށް ކިޔަވައި ދިނުމަށް ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިސާ ހަރަދުކޮށްފައި ވަނީ އުސޫލާއި ހިލާފަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ދަރިންނަށް ކިޔަވައިދިނުމަށް ނެގެން އޮންނަ ފައިސާ ކޮންމެ މީހަކު ވެސް އެންމެ ބޮޑުކޮށް ނަގާފައި ވާއިރު އޭގެ ބިލުތައް ފެންނަން ނެތް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މެލޭޝިޔާގެ މިޝަންގައި މަސައްކަތްކުރެއްވި ދެބޭފުޅަކު ރާއްޖެ އައުމަށް އުޒުރުވެރިވާ އިރު ވެސް އެ ދޭބޭފުޅުން ރާއްޖެ އައުމަށް 11،000ރ. އަށް ވުރެ ގިނަ އަދަދަކަށް ޓިކެޓް ފައިސާ ދޫކޮށްފައިވެ އެވެ. މެޑިކަލް އިންޝުއަރެންސްގެ ފައިސާ ވެސް އޮންނަ އުސޫލާއި ހިލާފަށް އެއްވެސް ސްކީމެއްގައި ބައިވެރިވުމެއް ނެތި މިޝަންތަކުގައި ތިއްބެވި މުވައްޒަފުން ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެ އެވެ.
އަދި ބައެއް މިޝަންތަކަށް ގަވާއިދާއި ހިލާފަށް ބައެއް، މީހުން ވައްދާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އދ. ގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ސީނިއާ އެޑްވައިޒަރަކަށް 30 އޮގަސްޓް 2010 އެއްގައި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ބޭފުޅަކު ހަމަޖައްސާފައި ވަނީ އިއުލާން ކުރުމެއްނެތި ކަމަށެވެ. އަދި އެބޭފުޅާގެ މުސާރަޔަށް ސެޕްޓެމްބަރުން ފެށިގެން އެ އަހަރުގެ ޑިސެމްބަރަށް 34335ރ. ކޮންމެ މަހަކު ދިނުމަށާއި 2011 ވަނަ އަހަރުން ފެށިގެން މުއްދަތު ހަމަވަންދެން 56622ރ. ކޮންމެ މަހަކު ދީފައިވާ ކަމަށެވެ. ނަމަވެސް 20 ޖުލައި 2011 ގައި އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ އިރު އޭނާ ވަޒީފާ އިން ވަކިކުރުމަށް ދިން ހަ މަސްދުވަހުގެ ނޯޓިސްގެ ތާރީހުގައި އޭނާ މަސައްކަތް ކުރަމުން ގޮސްފައި ވަނީ "އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބެލުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ" އަށްކަން އެނގޭ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެ މުވައްޒަފުގެ މުސާރަ އާއި އެލަވަންސަށް ދައުލަތުގެ ބަޖެޓުން 830000ރ. ހޭދަކޮށްފައިވާ އިރު އެބޭފުޅާ ކުރެއްވި މަސައްކަތާ ގުޅުން ހުރި އެއްވެސް ފައިލެއް އދ.ގެ މިޝަންގައި ނެތް އިރު އަދި ކުރެއްވި މަސައްކަތުގެ މައުލޫމާތު ވެސް ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީ އަށާއި ބޭރުގެ އެމްބަސީތަކަށް ލިބޭ ފައިސާ އާއި ހަރުމުދަލުގެ އިންވެންޓްރީ ބަލަހައްޓާފައެއް ނުވެ އެވެ. އަދި އެ މިނިސްޓްރީގެ މާލީ ބަޔާން ފިނޭންސް މިނިސްޓްރީގެ ލެޖާއާ ދިމާނުވައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އަދިވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ބޭރު ގައުމުތަކުގައި ތިއްބަވައި މިޝަންތަކުގެ ބައެއް ބޭފުޅުން އަމިއްލަ ހަފްލާތަކާއި ޕާޓީތަކަށް ހަރަދުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުންނެވެ.
-----------------
ނޯޓް: މި ހަބަރު ކުރިން ރިޕޯޓް ކުރި އިރު، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ، މަސައްކަތް ނުކޮށް ހަ މަސް ދުވަހުގެ ފައިސާ ނެންގެވި ކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އދ.ގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ސީނިއާ އެޑްވައިޒަރަކަށް 30 އޮގަސްޓް 2010 އިއުލާނު ކުރުމެއް ނެތި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ހުންނެވި ބޭރުގެ ބޭފުޅަކަށް އެ ފައިސާ ދެއްވުމެވެ. ނަމަވެސް އޭނާގެ ހަ މަސް ދުވަހުގެ ނޯޓިސް މުއްދަތުގައި އޭނާ މަސައްކަތް ކުރެއްވީ އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ، ޑރ. އަހުމަދު ޝަހީދަށެވެ.
އެކަމަށް ކިއުންތެރިންގެ ކިބައިންނާއި ޑރ. ޝަހީދުގެ ކިބައިން މައާފަށް އެދެމެވެ.