16 Jul 2012, 10:00
ހއ. ހޯރަފުށީ ގެއަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކުޑަކުއްޖަކާއި އިތުރު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ ރަށު ކެތި ކިޔާ ގެއަކުން 68،000ރ. ގެ ސާމާނު އިއްޔެ ވަގަށް ނަގާފައިވާ ކަމަށެވެ.
އޭގެތެރޭ ފަތި ޓީވީ އަކާއި އާދައިގެ ޓީވީ އަކާއި އޭގެ ސްޓޭންޑާއި ޓީވީ ރިމޯޓަކާއި ދެ ސްޓޭންޑް ސްޕީކަރުގެ އިތުރުން ސޮނީ ޑީވީޑީ ޕްލެޔަރަކާއި ޑީވީޑީ ޕްލެޔަރެއް ހިމެނެ އެވެ. އެތަކެތީގެ އިތުރުން ވެސް ގިނަ ކުދި ސްޕީކަރާއި ރިމޯޓް ފަދަ ތަކެއްތި ވަގަށް ނަގާފައިވެ އެވެ.
ފުލުހުން ބުނީ ވަގަށް ނެގި ތަކެތި 12 ގަޑިއިރު ތެރޭ ހޯދައި އެ ވައްކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭ 17 އަހަރުގެ ކުއްޖަކާއި 21 އަހަރާއި 18 އަހަރުގެ ފިރިހެނަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެ މީހުން ވަގަށް ނެގި ތަކެތި ފުލުހުން ހޯދާފައި ވަނީ އެ ތަކެތި ވިއްކާލުމަށް މާލެ ފުރަން އޮތް ބޯޓަކަށް އަރުވަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.