ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ދިމާވެފައިވާ ހިޔާލު ތަފާތު ވުންތައް ކުޑަކޮށް އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ޕާޓީތަކުގެ އިސް ލީޑަންނާ މަޝްވަރާ ކުރުމަށް ބުނެ މަޖިލިހުގެ މިއަދުގެ ފަސްކޮށްފި އެވެ.

މިއަދުގެ ޖަލްސާ މެދު ކަނޑުއްވާލައްވަމުން މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ޖަލްސާ މެދުކަނޑުއްވާ ލެއްވީ މަޖިލިހުގެ ކޮމިތީތަކަށް މެންބަރުން އައްޔަން ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ޕާޓީތަކުގެ އިސް ލީޑަރުންނާ އަދި މިނިވަން މެންބަރުންނާ މަޝްވަރާކުރެއްވުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވި މަޝްވަރާތަކަށް ފަހު ދެން ޖަލްސާ ފައްޓަ ވާނީ މެންދުރު ފަހު 1:00ގައި ކަމަށެވެ.

މިދިޔަ ހަފުތާގެ މަޖިލިހުގެ ޖަލްސާތައް ނިންމަލާފައި ވަނީ މަޖިލީހުގެ ތަޅަމުގައި އުފެއްދުންތެރި އެއްވެސް މަސައްކަތެއް ނުކުރެވި މެންބަރުންގެ ނިޒާމީ މައްސަލަތަކާއި ޒުވާބުކުރުމާއި ކޯރަމްގެ މައްސަލަ ހައްލުނުކުރެވުމުގެ ސަބަބުން ނެވެ.

މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނު ނަމަވެސް އަދި މަޖިލީހަށް އެއްވެސް އުޒުރަކާއި ނުލައި މެންބަރުން ހާޒިރުނުވި ނަމަވެސް އެ މެންބަރުންގެ މުސާރަ އާއި އިނާޔަތުން އެންމެ ރުފިޔާއެއް ވެސް ކެނޑޭނެ އެއްވެސް ގޮތެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ "އިއްޒަތްތެރި" ކޮންމެ މެންބަރަކު މަޖިލިހުގެ ޖަލްސާ އަށް ހާޒިރު ނުވިއަސް އެ ބޭފުޅުންނަށް ކޮންމެ މަހަކު 62،500ރ.ގެ މުސާރަ އާއި އަދި 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސެއް ލިބިވަޑައިގަންނަވަ އެވެ.