ރާމަﷲ (ޖުލައި 16): ފަލަސްތީނުގެ މާލީ ޙާލަތުދަށްވެ ޒާތީ އިދާރާ ހިންގުމަށާއި މުވައްޒަފުންނަށް މުސާރަދިނުމަށް ވެސް ދަތިވެފައި ވާތީ ސަޢޫދީ އަރަބިޔާ އިން އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ ކުއްލި އެހީއެއް ފަލަސްތީނަށް ދީފިކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު ސަލާމް ފައްޔާޒް ވިދާޅުވެއްޖެ އެވެ.

ފައްޔާޒްގެ އޮފީހުން ބުނި ގޮތުގައި ސައޫދީ ރަސްގެފާނު ޢަބްދުﷲގެ އަމުރުފުޅަށް ސައޫދީ މާލީ ވުޒާރާ އިން އިއްޔެ ވަނީ ފަލަސްތީނުގެ ޓްރެޜަރީ އަށް އެއްބިލިޔަން (އެއްހާސް މިލިޔަން) ޑޮލަރު ޓްރާންސްފާ ކޮށްފަ އެވެ. މިދިޔަ ހަފްތާގެ ބަންދުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ރިޔާޒް އަށް ވަޑައިގެން ސައޫދީ ރަސްގެފާނު ޢަބްދުﷲ އާ ބައްދަލުކުރައްވައި ފަލަސްތީނުގެ މާލީ ޙާލަތު ބަޔާންކޮށްދެއްވައި އެއް ބިލިޔަން ޑޮލަރުގެ ކުއްލި އެހީއެއް ފަލަސްތީނަށް ބޭނުންވާކަން ޢަބްދުﷲ އަށް ދަންނަވައިފަ އެވެ.

ފަލަސްތީނުގެ މާލީ ވުޒާރާ އިން ބުނާ ގޮތުން ފަލަސްތީނުގެ ޒާތީ އިދާރާ ހިންގުމަށް ޓަކައި މިވަގުތު ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް 500 މިލިޔަން (ބައިބިލިޔަން) ޑޮލަރު ބޭނުންވެފައިވާ އިރު 1.5 ބިލިޔަން ޑޮލަރުގެ ދަރަނިވެސް ވަނީ ދައްކަންޖެހިފަ އެވެ. ޢަރަބި ޤައުމުތަކުގެ އިސްވެރިން ވަނީ ފަލަސްތީނުގެ ޒާތީ އިދާރާ ހިންގުމަށް ކޮންމެހެން ބޭނުންވާ ފައިސާގެ ބައެއް ދާއިމީ ގޮތެއްގައި ޢަރަބި ޤައުމުތަކުން ދެމުން ގެންދިޔުމަށް ނިންމާފަ އެވެ.
މިކަމަށްޓަކައި ޢަރަބިން ވަނީ ފަލަސްތީނަށް ފައިސާ ފޯރުކޮށްދިނުމުގެ ނެޓްވާކެއް ވެސް އުފައްދާފަ އެވެ. ނަމަވެސް މިނިންމުމާ އެއްގޮތަށް ޢަރަބި ޤައުމުތަކުން އެކަށީގެންވާ ގޮތެއްގައި ފައިސާ ދެމުން ނުގެންދާ ކަމަށް ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ޙަނާން ޢަޝްރާވީ ވިދާޅުވި އެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)