16:17


ރާއްޖޭގެ ފުރަތަމަ ރިސޯޓް, ކުނރުބާ މޯލްޑިވްސްގައި، ވޭތުވެދިޔަ ތިން ދުވަހު ހިންގި ސްޓްރައިކްގެ ސަބަބުން އެ ރިސޯޓަށް މަދުވެގެން ދެ މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ގެންލުންވެފައިވާ ކަމަށް ޔުނިވާސަލްގެ ޗެއާމަން ކޮލި މުހަންމަދު އުމަރު މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.


ޗެއާމަން ވިދާޅުވީ ކުރިއަށް ހުރި ބްކިންސްތައް ކެންސަލްވުމާއި ރިސޯޓްގެ ނަމަށް ލިބުނު ގެއްލުމުގެ އަގު އެއަށްވުރެ ވެސް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.


ސަންއެފްއެމް އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުހަންމަދު މަނިކު މިއަދު ވިދާޅުވީ، ރިސޯޓްގެ މުވައްޒަފުން ސުޓްރައިކް ފެށީ އެ މީހުން ހުށަހެޅި ޕެޓިޝަނާ މެދު ކުންފުނީގެ ލޯޔަރުން މެދުވެރިކޮށް މަޝްވަރާ ކުރަމުން ދަނިކޮށް ކަމަށާއި އެ މީހުން ހުށަހެޅި ކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ފުރުސަތު ނުދީ ކަމަށެވެ. އެހެން ކަމާ އެކު ރިސޯޓްގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށް ވެސް ޗެއާމަން ވިދާޅުވި އެވެ.


"ޕެޓިޝަނެއް ހުށަހެޅިތާ ދެ ގަޑިއިރު، ތިން ގަޑިއިރު ވެސް ނުވަނީސް... ފެނުނީ ޕްލޭކާޑްތަކެއް ހިފައިގެން މުޅި ރަށުގައި ހަޅޭއްލައްވަން ފެށިތަން،" މުހަންމަދު މަނިކު ވިދާޅުވި އެވެ. "ޕެޓިޝަނުގައި ހުރި ތެދު ނޫން މައުލޫމާތު ވެސް. އޭގައި ކުރެވެން ހުރި ކަންތައް އަޅުގަނޑުމެން ބުނިން ކުރާނަމޭ،"


ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ މުހަންމަދު މަނިކު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ވާހަކަ ދައްކަވައިގެން މައްސަލަ ހައްލުކުރެއްވުމަށް ކަމަށެވެ. ނަމަވެސް ކުންފުނީގެ ލޯޔަރުން ގޮސް ބެލިއިރު، ޕެޓިޝަނުގައި ހަގީގަތާ ހިލާފު، ތެދު ނޫން މައުލޫމާތު ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މަޓީގެ ވެސް ޗެއާމަން މުހަންމަދު މަނިކު ވިދާޅުވީ ރާއްޖޭގެ ލޭބާ ގާނޫނު ބުނާ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބިމުގެ ހުއްދަ އޮތް ނަމަވެސް، ސުޓްރައިކް ކުރުމުގެ ހުއްދަ ގާނޫނުން ލިބި ނުދޭ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެކަން ހުއްޓުވުމަށް ތިން ދުވަސްވީ އިރު ވެސް ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއެއްގެ އެހީތެރިކަން ލިބިފައި ނުވާ ކަމަށެވެ.  


"މަސައްކަތް ހުއްޓާލުމެއް ނޫން، އެއްޗިހި ހިފައިގެން ހަޅޭއްލެއްވުމަކީ އަޅުގަނޑު ބަލަނީ އެއީ ސުޓްރައިކް ކަމަށް. ކައްކާ މީހުންނަށް ދަންދެން، އެ މީހުންނަށް ދަނޑިއާއި ލަޓި ބުރި ފަދަ އެއްޗެތި ދައްކައި ބިރުދައްކައިގެން އެ މީހުން މަސަތްކަތް ވެސް ކުރިޔަ ނުދިނީ،" މުހަންމަދު މަނިކު ވިދާޅުވި އެވެ.


އެ މަނިކުފާނު ވިދާޅުވީ އެ ހިސާބުން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށާއި ރިސޯޓްގައި ތިބި ޓޫރިސްޓުން ފުރައިގެން ދިޔަ އިރު ވެސް އެ ފަރާތުގެ އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށެވެ.


"އެވަރުވީމާ އަޅުގަނޑުމެން ދަންނަވައިފިން ޕޮލިހާއި މިތާގެ ޓޫރިޒަމް މިނިސްޓްރީ އަށް. އަޅުގަނޑުމެންގެ ވަކީލުންނާއި އެ މީހުންނާ އެކު އެތަނަށް ގޮސްފައި، އެ މީހުން ދައްކާނެ ވާހަކައެއް ދައްކާފައި ވަކި ހަމައަކަށް ދިޔާއިމާ އެ މީހުން މާބޮޑަށް ހަޅޭއްލައްވާފައި ނުކުންނާން ފައްޓައިފި. ޕޮލިސް ވެސް ތިބި ގޮތަށް ތިބީ،"


މުހަންމަދު މަނިކު ވިދާޅުވީ ހުރިހާ ޓޫރިސްޓުންގެ ކުރިމަތީގައި އެ ހުރިހާ ކަމެއް ހިނގުމުން މުޅިތަން ބިރުވެރި ތަނަކަށް ބަދަލުވެ، 80 ޕަސެންޓް އޮކިއުޕަންސީގައި އޮޕަރޭޓްކުރަމުން އައި 360 އެނދުގެ ރިސޯޓްގައި ތިބި ޓޫރިސްޓުން މަޑުމަޑުން ފައިބައި މިއަދު އެއްކޮށް ރިސޯޓް ހުސްވެފައިވާ ކަމަށެވެ.


"އަށްޑިހަ ޕަސެންޓް އޮކިއުޕަންސީ ހުރި ތަނެއް، މީހުންގަނޑު ނުކުންނަން ފެށީ. އެތާގައި ތިއްބެއްވި ވަރަށް މަތީފެންވަރުގެ ބޭފުޅުން ވެސް. އެ ހުރިހާ މީހުން މަޑުމަޑުން ނުކުންނަމުން ގޮސް، އެ މީހުންނަށް އެނގިއްޖެ މި ބިރުވެރިކަމުގެ ތެރޭގައި މިތާގައި އުޅޭކަށް ނުވާނެކަން... ހުސްވަމުން ހުސްވަމުން ގޮސް މިއަދު މިހާރު އެންމެން އެ ހުސްވީ،" މިއަދު މެންދުރެއްހާއިރު މުހަންމަދު މަނިކު ވިދާޅުވި އެވެ.


އެ މަނިކުފާނު ވިދާޅުވީ ކުރުނބާގެ ސުޓްރައިކުގެ ސަބަބުން ޔުނިވަސަލް އަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އަދި ރާއްޖޭގެ ޓޫރިޒަމަށް ވެސް ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.


"ވިސްނަވާތި މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއަލުންވެއްޖެ. އަދި އޭގެ ސަބަބުން ރާއްޖެ އަށް ވެސް ގެއްލުންވާނެ. މިއަޑު އަރައިގެންދާނެ ދުނިޔޭގެ ހުރިހާ އެންމެންނަށް، ރާއްޖޭގެ ރަށްރަށުގައި އޮތީ މިކަހަލަގެ އިންސިކިއުރިޓީއޭ،" މުހަންމަދު މަނިކު ވިދާޅުވި އެވެ.


ކުރުނބާ ރިސޯޓްގައި މުވައްޒަފުން ކުރި މުޒާހަރާ ކޮންޓްރޯލްކޮށް، ދައުލަތުގެ މުއައްސަސާތަކުން ފިޔަވަޅު ނޭޅުމުން ސަރުކާރަށް މުހަންމަދު މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.


"ދައުލަތުން މިކަހަލަ ކަންތައްތަކަކީ ވިސްނަވަން ޖެހޭނެ ކަންތައްތަކޭ އަޅުގަނޑު ދަންނަވާނީ. ރަށުގައި އިންވެސްޓްކޮށްގެން އުޅޭ މީހުންނަށް އިނާޔަތް ލިބުމަކީ ސަރުކާރުން ބަލަން ޖެހޭނެ ކަމެކޭ އަޅުގަނޑު ދަންނަވާނީ،" މުހަންމަދު މަނިކު ވިދާޅުވި  އެވެ. "ބަޔަކު ގަވާއިދާ ހިލާފަށް ކަމެއް ކުރަންޏާ އެކަން ހުއްޓުވުމާއި އެކަން ހަމަ އަކަށް އެޅުވުމަކީ ސަރުކާރުގެ ވާޖިބެކޭ އަޅުގަނޑު ދަންނަވާނީ،" ސުޓްރައިކްކޮށް ހަޅޭއްލެއްވުމަކީ ކޮންމެ ބަޔަކު ވެސް ހުއްޓުވަން ޖެހޭ ކަމެއެއް،"


އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން ދުވަހު ކުރުނބާ ރިސޯޓްގެ ޓޫރިސްޓުންނަށް ކާންދިނީ ޔުނިވާސަލް ޗެއިންގައި ހިމެނޭ، ލަގުނާ އާއި ބަރޮހާއި ނަކައްޗާފުށިން ކާއެއްޗެތި ގެންގޮސްގެނެވެ. އަދި ލޯންޗު ދަތުރުތައް ވެސް ކުރީ ބޭރުން ގެނެސްގެން ކަމަށާއި އެ ލޯންޗު ދަތުރުތަކަށް ވެސް ހުރަސް އެޅި ކަމަށް މުހަންމަދު މަނިކު ވިދާޅުވި އެވެ.


"އެ ދުއްވާ މީހުންނަށް ވެސް ބިރުދެއްކި. އެހެންވީމާ އެކަހަލަ މާހައުލެއްގައި ކިހިނެއްތޯ ރާއްޖޭގައި ޓޫރިޒަމް ހިނގާނީ،"


މަޓީގެ ޗެއާމަން ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިފަދަ މުޒާހަރާކޮށްފި ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ހޯދިފައި ނެތް ކަމަށެވެ.


މުހަންމަދު މަނިކު ވިދާޅުވި ގޮތުގައި މުވައްޒަފުން ނިދުމަށް 11000 އަކަފޫޓުގެ އިމާރާތެއް ރިސޯޓްގައި އެޅުމަށް ބީލަމަށް ލައްވާފައިވާ ކަމަށާއި އެއްވެސް ކަމެއް ކުއްލިއަކަށް ނުވާނެ ކަމަށެވެ.


ރިސޯޓްގައި ބޮޑު ހަޅުތާލެއް ހިންގައި މުޒާހަރާއެއް ކުރި އިރު، ރިސޯޓްގެ މެނޭޖުމަންޓަށް ކަންކަން ރަނގަޅު ކުރުމުގެ ވާހަކަ މުވައްޒަފުން ދައްކާފައި ނުވާ ކަމަށް ޗެއާމަން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި މުވައްޒަފުންގެ ހިތްހަމަ ނުޖެހުން ދިމާވީ، ރިސޯޓްގެ ކަންކަން ރަނގަޅުކުރުމަށް އާ މެނޭޖުމަންޓުން މަސައްކަތް ކުރަން ފެށުމުންނެވެ.


"އަޅުގަނޑުމެންގެ ސިސްޓަމަށް ތަންކޮޅެއް ޕޮރޮފެޝަނަލިޒަމު މިގެންނަނީ. އެއީ މި އެއްޗަކީ،" މަނިކު ވިދާޅުވި އެވެ.


ކުރުނބާގައި ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަމުގެ ފަހަތުގައި ކޮންމެވެސް ބަޔަކު ތިބޭނެ ކަމަށް ވެސް މުހަންމަދު މަނިކު ތުހުމަތު ކުރައްވި އެވެ.