10 Feb 2025, 09:08
ފިލްމު އިންޑަސްޓްރީއަށް މިހާރު ތައާރަފްވާ ގިނަ ޒުވާން އެކްޓަރުން އާއްމުންގެ ސަމާލުކަން ހޯދަން ބޭނުންވަނީ ސޯޝަލް މީޑިއާގައި ކަމަށް ބަތަލާ އަމީޝާ ޕަޓޭލް ބުނެފިއެވެ.
ރަނގަޅު ފިލްމުތަކުން ފުރުސަތު ލިބުނު ނަމަވެސް ސޯޝަލް މީޑިއާއަށް މާބޮޑަށް ޝައުގުވެރިކަން ދޭން ޖެހޭތީ ފިލްމުތަކުގައި ރަނގަޅު އެކްޓިންގްއެއް ގިނަ ތަރިންނަށް ނުދެއްކޭ ކަމަށް އަމީޝާ ވަނީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
އަމީޝާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވިއިރު އޭރުގެ ފިލްމީ ތަރިން ފިލްމީ މަސައްކަތް ނެގީ ވަރަށް ސީރިއަސްކޮށް ކަމަށާއި ފަހުގެ ޖީލުގެ ޒުވާން އެކްޓަރުންގެ ފަރާތުން އެކަން ނުފެނުމަކީ ވަރަށް ހިތާމަކުރާ ކަމެއްގެ ގޮތުގައި ފިލްމު "ގަދަރު"ގެ ބަތަލާ ވަނީ ސިފަކޮށްފައެވެ.
މީގެ ފަސް ވަރަކަށް އަހަރުކުރިން އޭރު ފިލްމީ ތަރިންގެ ދިރިއުޅުން މާ ބޮޑަށް ވެސް ހަގީގަތާ އެއްގޮތް ކަމަށާއި ހުރިހާ ސަމާލުކަމެއް ވެސް އޭރު ދީފައި ވަނީ ކެމެރާ ކުރިމަތީގައި ދައްކާ ޕާފޮމެންސްއަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަމީޝާ ޕަޓޭލްގެ ކެރިއަރުގެ އެންމެ މަގުބޫލު ދެ ފިލްމު ކަމަށްވާ "ހަމްރާޒް" އަދި "ގަދަރު"ގެ މަންޒަރެއްގައި ބަތަލާ އެ ފިލްމުގެ ކޯ-ސްޓާރުންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ނަމަވެސް މިހާރުގެ ޒުވާން އެކްޓަރުން ސޯޝަލް މީޑިއާގައި ދައްކަން ބޭނުންވާ 'އިމޭޖް' މާބޮޑަށް ދަމަހައްޓަން މަސައްކަތް ކުރާ ކަމަށާއި އޭގެ ސަބަބުން އެ ފިލްމީ ތަރިންގެ ކެރިއަރަށް އޭގެ ނުރައްކާތެރި ހިޔަނި އެޅި، ކެމެރާ ކުރިމަތީ ދައްކާ ޕާފޮމެންސްގެ ފެންވަރު ދަށްވާ ކަމަށް އަމީޝާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު އަދި ކާމިޔާބު އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން، ސަނީ ޑިއޯލް، އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، ކަރީނާ، ރާނީ މުކަރުޖީ އަދި ޕްރިތީ ޒިންތާ ފަދަ ފިލްމީ ތަރިންގެ ކެރިއަރު މިއަދު ކާމިޔާބުވެފައި ވަނީ ވަކި ޑިސިޕްލިންއެއްގެ ދަށުން ފިލްމީ ކެރިއަރު ދެމެހެއްޓުމަށް ކުރި މަސައްކަތުންކަން އަމީޝާ މި އިންޓަވިއުގައި ފާހަގަކޮށްފައިވެއެވެ.
އިންސްޓަގްރާމްފަދަ ޕްލެޓްފޯމްތަކަކީ ހަމައެކަނި ވަސީލަތެއް ކަމަށާއި މުޅި ދިރިއުޅުން އެއަށް ބިނާކުރުމުގެ ވިސްނުމުގެ ސަބަބުން ފިލްމީ ކެރިއަރު ހަލާކުގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ގަދަރު2"އަށް ލިބުނު ކާމިޔާބީއަށް ފަހު އަމީޝާ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމަކުން ފެނިފައެވެ.