ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ އެ ޕްލެޓްފޯމްގެ އެންމެ މަގުބޫލު ކްރައިމް ޑްރާމާ "ދެއްލީ ކްރައިމް"ގެ ސީޒަން-3ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

ރިޗީ މެހެތާ އުފައްދާ މި ކްރައިމް ޑްރާމާގެ ތިންވަނަ ސީޒަނުން ވެސް ފެންނާނީ ކުރީގެ ދެ ސީޒަންގެ ލީޑް ރޯލުން ފެނުނު ބަތަލާ ޝެފާލީ ޝާހެވެ. ބަތަލާ ޝެފާލީގެ އިތުރުން ބަތަލާ ހުމާ ގުރައިޝީ، ރަސިކާ ދުގަލް، އަނޫރާގު އަރޯރާ، ސިދާތު ބަރަދުވާޖް އަދި ރާޖޭޝް ތައިލަންގް މިފަހަރުގެ ސީޒަންގެ ވެސް މުހިއްމު ރޯލުތަކުން ފެންނާނެއެވެ.

އެމީ އެވޯޑު ކާމިޔާބުކޮށްފައިވާ "ދެއްލީ ކްރައިމް"ގެ ޓީޒާ އާއްމުންނަށް ދައްކާލާފައި ވަނީ މި އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރާނެ ކަމަށް އެ ޕްލެޓްފޯމްއިން އިއުލާނުކުރި ގިނަ ފިލްމީ ޕްރޮޖެކްޓްތައް ލޯންޗުކުރަން ބޭއްވި ޚާއްސަ ހަފްލާގައެވެ.

"ދެއްލީ ކްރައިމް"ގެ ތިން ވަނަ ސީޒަންގެ ޓީޒާގެ މަންޒަރެއްގައި ބަތަލާ ހުމާ ގުރައިޝީ--ފޮޓޯ/ޕިންކްވިލާ

މި ސީރީސްގެ ތިންވަނަ ސީޒަންގެ ޓީޒާ ދައްކާލާފައިވީ ނަމަވެސް ނެޓްފްލިކްގައި "ދެއްލީ ކްރައިމް"ގެ ތިންވަނަ ސީޒަން ޕްރީމިއާކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ބޮލީވުޑްގެ އެންމެ ތަޖުރިބާހުރި ބަތަލާއިންގެތެރޭ ހިމެނޭ ޝެފާލީ ޝާހް ޑީއަޖީ ވަރުތިކާ ޗަތުރުވެދީގެ ރޯލް ކުޅެމުން އަންނަ މި ސީރީސްގެ ތިންވަނަ ސީޒަން ބިނާކޮށްފައި ވަނީ ބަތަލާ ހުމާ ގުރައިޝީ (މީނާ) އިސްވެ ހުރެގެން ހިންގާ ހިއުމަން ޓްރެފިކިން ޖަރީމާއެއްގެ މައްޗަށެވެ.

ތިންވަނަ ސީޒަން ބިނާކޮށްފައި ވަނީ މިހާތަނަށް މި ސީރީސްގައި ހުޅުވާލާނެ އެންމެ އުނދަގޫ އެއް ކްރިމިނަލް ކޭހަށް ކަމަށް މި ސީޒަންގެ ޓީޒާއިން ދޭހަކޮށްދެއެވެ.

"ދެއްލީ ކްރައިމް"ގެ ތިންވަނަ ސީޒަނަކީ ނެޓްފްލިކްސްއިން މި އަހަރު ޕްރީމިއާ ކުރާނެ އެންމެ އުއްމީދީ އެއް ސީރީސްއެވެ. މި ސީރީސްގެ ލީޑް ބަތަލާ ޝެފާލީގެ އެންމެފަހުން ރިލީޒްވި ފިލްމަކީ 2023ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތްރީ އޮފް އަސް"އެވެ.