09 Feb 2025, 22:36
ރިސޯޓުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާ ގުޅުންހުރި މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "ގްރީން ރިސޯޓް ފައިނޭންސިން" މިއަދު ތައާރަފުކޮށްފިއެވެ.
ބީއެމްއެލްއިން އެ ޚިދުމަތް ތައާރަފު ކުރީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބޭއްވި އަހަރީ އާންމު ބައްދަލުވުމުގައެވެ.
އެ ޚިދުމަތް އިފުތިތާހުކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއެކު ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޙުސެއިން އަފީފެވެ.
ބީއެމްއެލްއިން ބުނީ، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އެނާޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމަށާއި ގަސް އިންދުމަށާއި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރިސޯޓުތަކަށް ފައިނޭންސް ފޯރުކޮށްދޭނެ ކަމަށެވެ.
ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީއަކީ 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަޑްރާފްޓް ކުރެވޭ ފެސިލިޓީއެކެވެ. އެ ޚިދުމަތުގެ އިންޓްރެސްޓް ރޭޓަކީ 6.5 ޕަސެންޓެވެ.
މީގެ އިތުރުން ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް ލިއްބައިދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މަޓީގެ ބައްދަލުވުމުގައި ޝަރީފް ވަނީ އެ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ބަހައްޓާ އަހަމިޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިން ޚިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ބީއެމްއެލްއިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާލުވިއެވެ.
"ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ޚާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ޚަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންއެއް ހޯދައިދިނުމަށް،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންއާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ، އެ ކަސްޓަމަރަކަށް ޚާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.