15 Jul 2012, 23:57
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހިފާ ހައްޔަރުކޮށްގެން ގެންގޮސް ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރައީސް ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދައުވާއަށް ޖަބާވުދާރީވެވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އުސްފަސްގަނޑުގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާ ގުޅިގެން ކޮންމެ ވަގުތެއްގައި އެމަނިކުފާނަށް ކޯޓަށް ވަޑައިގެންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އެކަމަށް ވަރަށް ބޮަޑަށް ތައްޔާރުވެހުންނެވި ކަމަށާއި ނަމަވެސް އެ ޝަރީއަތުގެ މަޖިލީހަކީ އިންސާފު ގާއިމްކުރެވޭ ޝަރީއަތުގެ މަޖިލީހަކަށް ވާންޖެހޭނެ ކަމަަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާއެއް އުފުލުމަށް ފަހު އެމަނިކުފާނު ނައްތާލައިގެން އެމްޑީޕީގެ ފިކުރު މިރާއްޖެ އިން ފޮހެލެވިދާނެ ކަމަށް ބައެއް ސިޔާސީ ވާދަވެރިފަރާތްތަކުން ދެކޭ ކަމަށާއި ނަމަވެސް މިރާއްޖޭގައި ދެން އެކަންތައް އެގޮތަށް ހަމަހިލާ ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް އަނިޔާ ކުރެވިދާނެ، އަޅުގަނޑު އަނދަގޮނޑި ޖަހާފައި ބޭއްވިދާނެ،އަޅުގަނޑު އެކަނިކޮށްފައި ކުޑަގޮޅީގައި ބޭއްވިދާނެ، އަޅުގަނޑު އެކަހެރިކޮށްފައި އަނބިދަރިންނާއި ވަކިކޮށް އަރުވާލައިފައިވެސް ބެހެއްޓިދާނެ، އަޅުގަނޑަށް އަނިޔާކުރެވިދާނެ، އަޅުގަނޑުގެ މައްޗަށް ޝަރީއަތްކޮށް އަޅުގަނޑު ނައްތާވެސް ލެވިދާނެ، ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއް ދެނެއް މިރާއްޖެއަކުން ނުފޮހެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީން މިއަދު ކޯޓަށް ހުށަހަޅާފައިވާ އިރު އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ރައީސް ނަޝީދު މިރޭ ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ހުންނެވި އިރު ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަވަން ބޭނުންފުޅު ނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އުސްފަސްގަނޑުގައި ވާހަކަދައްކަވަމުން އެމްޑީޕީން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި އަހަރުގެ ތެރޭގައި އަވަސް އިންތިހާބެއް ބާއްވާނެ ތާރީހެއް ސަރުކާރުން ދެންދެން އެމްޑީޕީގެ އިހުތިޖާޖުތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަަމަށެވެ.