ހއ. އުލިގަމުގައި ބަހަން ސަރުކާރުން ފޮނުވި، 18 ޕެކެޓު ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް ކަދުރު ބޭނުންވާ މީހަކު އެ ބަލައި އައުމަށް އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

އުލިގަމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ކުރިން ކުރި އިއުލާނާ ގުޅިގެން ގިނަ މީހުން ކަދުރު ގެންގޮސްފައިނުވާތީ ދެވަނަ ފަހަރަށް ކަދުރު ބަހަން އިއުލާނުކުރީ ކަމަށެވެ.

އެގޮތުން، ސަރުކާރުން 18 ޕެކެޓު ކަދުރު އެރަށަށް ފޮނުވިއިރު، މިހާރު ބާކީ އޮތް 13 ކަދުރު ޕެކެޓު ހުސްވަންދެން ކަދުރު ބަހާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާކީ ހުރި ކަދުރު ޕެކެޓުތައް ބޭނުންވާ ގެތަކުން މާދާމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު ނުވައަކުން މެންދުރު 14:00އާ ދެމެދުގައި، އައިޑީކާޑާ އެއްކޮށް ކަރަންޓު މީޓަރު ނަމްބަރު ކަށަވަރު ކުރެވޭނެ ލިޔުމެއް ހިފައިގެން ދިޔުމުން ލިބޭނެ ކަމަށް އުލިގަމު ކައުންސިލުން ވަނީ ބުނެފައެވެ.

މީގެކުރިން އިސްލާމިކް މިނިސްޓްރީން ވަނީ، ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން 22،163 ކަދުރު ޕެކެޓު 102،712 ގޭބިސީއަކަށް ބަހާފައިވާ ކަމަށް ބުނެފައެވެ.

ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދައި، ފާޑުކިޔަމުންނެވެ.