15 Jul 2012, 23:51
ރާއްޖޭގެ މިހާރު ހާލަތާ މެދު ކަން ބޮޑުވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.
އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށާއި މިހާރު ދިމާވެފައިވާ ހާލަތުން ސަލާމަތްވުމަށް ޓަކައި ސިޔާސީ ޕާޓީތަކުން މަޝްވަރާ އަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
"ގައުމު ކުރިއެރުވުމަށް ޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް. ކަންކަން ހައްލުކުރެވޭނީ ވާހަކަތައް އިސްކޮށްގެން،" އިންޑިއަން ހައި ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެ ބަޔާނުގައި ބުނެފައި ވަނީ އާމާންކަން ގާއިމުކޮށް ގާނޫނު ތަންފީޒުކުރުމަށް މަސައްކަތް ކޮށްދިނުމަށް ޕާޓީތަކަށް ގޮވާލާ ކަމަށާއި ހިޔާލު ތަފާތުވުންތަކާ އެކު މިހާރު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.