15 Jul 2012, 22:17
މާލޭގެ ދެ ތަނެއްގައި ރައްކާކޮށްފައި ހުރި ސަލްފިއުރިކް އެސިޑާއި ގިނަ އަދަދެއްގެ މިރުސް ފެނާއި ކަޅުތެޔޮތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއީ އެމްޑީޕީ އިން ސިލްސިލާކޮށް މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުުންނަށް ހަމަލާދިނުމަށް ރައްކާކޮށްފައިވާ ހުރި އެއްޗިއްސެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފު މިރޭ ވިދާޅުވީ އެ ތަކެތީގެ ތެރެއިން ސަލްފިއުރިކް އެސިޑް ހުރި ދެ ސިިރިންޖު ރައްކާކޮށްފައި ހުއްޓާ ފެނިފައި ވަނީ ކެނެރީމަގުގައި ހުންނަ މ. ބަގީޗާ ވިލާގައި ހަދަމުން އަންނަ އިމާރާތުގެ އެންމެ ތިރީ ބުރީގެ ތެރެއިން ކަމަށާއި މިރުސް ފެން ޕަކެޓްތަކާއި ކަޅުތެޔޮތައް ފެނިފައި ވަނީ ޗާންދަނީމަގުގައި ހުންނަ ދިރާގުގެ ބޫތުތައް ކައިރީގައި ހުރި ފޮށިގަނޑަކަށް އަޅާފައި ހުއްޓާ ކަމަށެވެ.
"އެމްޑީޕީން ސިލްސިލާކޮށް މާލެތެރޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުުންނަށް ހަމަލާދިނުމަށް ރައްކާކޮށްފައިވާ ތަކެތި ކަމަށް ތުހުމަތުކުރެވޭ،" ހަނީފް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސިރިންޖްތަކުގައި ހުރި ސަލްފިއުރިކް އެސިޑްގައި ހުރި ތަކެތި އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެސިރިންޖްތަކުގައި ކޮންސްސަންޓްރޭޝަން ލެވެލް ނުވަތަ މީހަކަށް ގެއްލުންވާ މިންވަރު އެނގޭނީ ފޮރެންސިކް ރިޕޯޓް ލިބުމުން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ހަނީފު ވިދާޅުވީ އެ ތަކެއްޗަކީ ފުލުހުންނަށް ހަމަލާދިނުމަށް ޓަކައި ރައްކާކޮށްފައި ހުރި ތަކެތި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެފަދަ ކަންކަމަކީ ޓެރަރިޒަމަށް ވާގިދޭ ކަންކަމަށްވާތީ އެ މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
"ސުލްހަވެރިކަމާ އެކު ކުރިއަށްދާ ކަމަށް އެމްޑީޕީން ބުނާ މުޒާހަރާއެއްގެ ތެރެއިން އެފަދަ ތަކެތި ފެނުމަކީ ފުލުހުން ހިތާމަ ކުރާ ކަމެއް. އެތަކެއްޗަކީ ޓެރަރިޒަމްގެ އަމަލްތަކަށް ވާގިދޭނެ އެއްޗެހި،" ހަނީފު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދާލުމަށް ސަން އިން އެމްޑީޕީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.