15 Jul 2012, 21:01
ދިރާގު ދިވެހި ލީގުގައި މިއަދު ނިއު އަތުން 5-1އިން ބަލިވެ، ކްލަބް ވެލެންސިއާ ހާސްކަން ކުރިމަތިވިޔއސް އަދި ގަދަ ހަޔަކަށް ވަދެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުގައި ގިނަ ގޯލުތަކެއް ވަނަސް ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"އަދި އެބައޮތް ތިން މެޗު. އެހެންވީމަ ގަދަ ހަޔަކަށް އުއްމީދު އެބައޮތް. މި މެޗުން މޮޅުވުމަށްވުރެ ބޮޑަށް ޓާގެޓަށްވީ ޑްރޯއެއް،" ނާދު ބުންޏެވެ.
މި މެޗުގައި ނިއުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އާއި އަލީ އަޝްފާގް (ދަގަނޑޭ) ދެ ލަނޑު ޖެހިއިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބަލްގޭރިޔާގެ މިޑްފީލްޑަރު އިވާން އެޓަނަސޯވް ކަމަރަނޯވް އެވެ. ވެލެންސިއާގެ ހަކައެކަނި ލަނޑު ޖެހީ ނިއު ތިން ލަނޑު ޖެހި ފަހުން ލައިބީރިއާގެ ފޯވަޑް ރައިޓް ޗާލްސް ގަޔޭ އެވެ. އޭނާ އަކީ ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް އަދި މި އަހަރު ކުރީކޮޅު ވީބީ އަށް ކުޅުނު ކުޅުންތެރިއެކެވެ.
މި މެޗަށް ނުކުތް އިރު ވެސް އަށް ޓީމު ވާދަ ކުރާ ލީގު ތާވަލުގެ ފުކުގައި އޮތް ވެލެންސިއާ އަށް ދެ ވަނަ ބުރުގައި ބާކީ އޮތީ ތިން މެޗެވެ. އެއީ އީގަލްސް އާއި މާޒިޔާ އަދި ވިކްޓަރީގެ މެޗެވެ. ވެލެންސިއާ އަށް 11 މެޗުން އެންމެ ހަތް ޕޮއިންޓް ލިބިފައިވާއިރު ހަތް ވަނާގައިވާ ވިޔަންސާ އަށް ނުވަ ޕޮއިންޓް އަދި ހަ ވަނާގައިވާ އޭވައިއެލް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގެ ގަދަ ހަޔަކުން ޖާގަ ލިބޭނީ ދެ ވަނަ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށެވެ. ފުލަށްދާ ދެ ޓީމަށް ޖެހޭނީ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ރެލިގޭޝަން ކުޅޭށެވެ.
ވެލެންސިއާ އަތުން މޮޅުވުމުން ނިއު އަށް ވަނީ 27 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނާގައިވާ ވިކްޓަރީ އަށް ލިބެނީ 18 ޕޮއިންޓެވެ. ޗެމްޕިއަން ވީބީ އަށް 15 އަދި މާޒިޔާ އަށް 14 ޕޮއިންޓް ލިބޭއިރު އީގަލްސް އަށް ލިބެނީ 13 ޕޮއިންޓެވެ.
ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ބުނީ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި ވެލެންސިއާ އަތުން ލިބުނީ ކުރިން ހީކުރި ވަރަށްވުރެ ފަސޭހަ މޮޅެއް ކަމަށެވެ.
މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިއު ކާމިޔާބު ކުރީ 3-0 އިންނެވެ.