15 Jul 2012, 17:24
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެވިފައިވާތީވެ އެކަމަށް ރައީސް މައުމޫންގެ ކިބައިން ރައީސް ނަޝީދު މައާފަށް އެދިވަޑައިގެންނެވީ ރައީސް ނަޝީދު ކުރައްވާފައިވާ އަމަލުތަކުގެ ޖިނައީ ދައުވާތައް ހުއްޓުވާލެއްވުމަށް ޖެއްސެވި މަޅިއެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ރައީސް ނަޝީދު ނިންމެވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ސިޔާސީ ދައުވާތަކުން ބަރީއަވެވަޑައިގަތުމަށް ފެއްޓެވި މަސައްކަތެއްގެ ގޮތުން ކަމަށާއި އެކަމުގައި ރައީސް ނަޝީދުގެ އިހުލާސްތެރިކަމެއް ނެތްކަން ސަރުކާރަށް ފާހަގަކުރެވޭ ސަބަބަކީ ސިޔާސީ ޕާޓީގެ މަޝްވަރާތަކުގެ އެންމެ ފުރަތަމަ ކަމަކަށް ވެސް އޮތީ ރާއްޖޭގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުން ކަމުގައިވާ އިރު ނަޝީދު އިސްކޮށް ހުންނަވައިގެން ހަމަނުޖެހުންތައް ކުރިއަށް ގެންދާތީ ކަމަށެވެ.
"ރާއްޖޭގައި މިހާބޮޑަށް ހަމަނުޖެހުން ހިންގައި ފުލުހުންނާއި ސިފައިންނަށް ހަމަލާދޭން ގޮވާލަމުންދާ މިފަދަ ދަނޑިވަޅެއްގައި އެކަން ކުރައްވަމުން، މާފަށް އެދިވަޑައިގެން ކަމަށް މި ވިދާޅުވަނީ، މީގައި އިހުލާސްތެރިކަމުގެ ކަންބޮޑުވުމެއް އެބަވޭ ސަރުކާރުން. އަދި ރައީސް ނަޝީދު މަގުމަތީގައި ހަރަކާތްތެރިވަމުން ދާއިރު އެހެނިހެން ޕާޓީތަކުން ވެސް ކަންބޮޑުވޭ އެކަމުގައި (ސުލްހައިގެ ވާހަކަތަކުގައި) ބައިވެރިވާން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ރައީސް ނަޝީދަށް ގޮވާލަނީ އެމަނިކުފާނުގެ އިހުލާސްތެރި ކަމެއް ހުންނެވި ނަމަ މަގުމަތީގެ ހަރަކާތްތައް ހުއްޓާލެއްވުމަށް ފަހު ސިޔާސީ މަޝްވާރަތަކުގައި ބައިވެރި ވެވަޑައިގަތުމަށް ކަމަށެވެ. ރައީސް ނަޝީދު ބޭނުންފުޅު ވެވަޑައިގެންނެވީ ޖިނާއީ ކުއްތަކުން ސަލާމަތްވެ ވަޑައިގަތުމަށް ފަހު އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފުރުސަތު ހޯއްދެވުމަށް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައީސް ނަޝީދު މައާފަށް އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް މައާފުދެއްވިކަން އަދި ސަރުކާރަށް އެނގިފައިނުވާ ކަމަށާއި އެކަން ނިންމާނީ ޕީޕީއެމްގެ ކައުންސިލުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލުމުގެ އަޑީގައި ހުންނެވީ މައުމޫން ކަމަށް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުން ފެށިގެން ކަންތައްތައް ހިނގައި ދިޔަ ގޮތުގެ މައްޗަށް ބިނާކުރައްވައި ކަމަށެވެ. ނަމަވެސް މައުމޫން ނަޝީދާ އެކު އެއް މޭޒެއްގެ ދޮަށުގައި އިށީދެވަޑައިގަންނަވާނީ ނަޝީދު މައުމޫނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަށް މައުމޫންގެ ކިބައިން މައާފަށް އެދިވަޑައިގަތުމުން ކަމަށް މައުމޫން ވިދާޅުވެފައިވާ ކަން އެމަނިކުފާނަށް އެނގިވަޑައިގެންފައިވާތީ ރާއްޖެ މިހާރު އޮތް ހާލަތަަކީ މައުމޫނާއި ނަޝީދުގެ މަސްލަހަތު އެއްފަރާތްކޮށް ގައުމުގެ މަސްލަހަތު ކުރިއަށް ނެރެން ޖެހޭ ދަނޑިވަޅެއް ކަމަށް އެމަނިކުފާނަށް ގަބޫލުކުރެއްވޭތީ މައުމޫންގެ ކިބައިން މައާފަށް އެދިވަޑައިގަތީ ކަމަށެވެ.
ރައީސް ނަޝީދު ރައީސް މައުމޫނުގެ ކިބައިން މައާފަށް އެދިވަޑައިގެން ބަޔާނެއް ނެރުނުތާ މާގިނަ އިރުތަކެއް ނުވެ ގާނޫނާ ހިލާފު ގޮތަކަށް، ކުށް ނުކުރާ މީހަކު ހިފައި ހައްޔަރުކުރުމުގެ ދައުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެ ފާނުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން(ޕީޖީ) ވަނީ އުފުލައިފަ އެވެ.