15 Jul 2012, 15:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯފުޅަށް އަމާޒުކޮށް ފުލުހުން ޕެޕާސްޕްރޭ ޖެހިކަމަށް ބުނެ އެކަން އެމްޑީޕީން ކުށްވެރި ކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ސުލްޙަވެރިކަމާ އެކު ކުރަމުން ގެންދިޔަ އިޙްތިޖާޖުގައި ބައިވެރިވެވަޑައިގެން ހުންނަވަނިކޮށް، ފުލުހުންގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަން ޕޮލިސްގެ ޔުނިފޯރމްގައި ތިބި ބަޔަކު، ބެރެކޭޑްގެ އެތެރެއިން ރައްޔިތުންގެ ތެރެއަށްވަދެގަނެ ނަޝީދުގެ ދެލޯފުޅަށް ޕެޕާ ސްޕްރޭ ޖަހަފައިވާ ކަމަށެވެ.
"މުހައްމަދު ނަޝީދަށް އަމާޒުކޮށް ފުލުހުން ރޭގައި ދިން ޕެޕާ ސްޕްރޭގެ ފިނޑި ހަމަލަ މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ބަޔާނުގައިވެ އެވެ.
އެމްޑީޕިގެ ބަޔާނުގައި އަދި ބުނެފައި ވަނީ ނަޝީދަކީ ސަލާމަތީ ހިދުމަތްތަކުން އެމަނިކުފާނުގެ ހަށިކޮޅުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާ ބޭފުޅަކަށް ވެފައި އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ސަލާމަތީ ހިދުމަތްތަކުން އެ ވާޖިބު އަދާކުރޭތޯ ބަލަންޖެހިފައިވާ ގޮތަށް އޮންނަ ކަމަކަށް އެކަންވެފައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވެފައި ހިޔާލުފާޅުކުރުމާއި ބައިނަލްއަގުވާމީ ދުނިޔޭގައި ނުހަނު މަގުބޫލުކަން ހޯއްދަވައި ބައިނަލްއަގުވާމީ އެތަކެއް ޝަރަފުވެރި އިނާމުތަކެއް ލިބިވަޑައިގެން ހުންނެވި ޝަހުސިއްޔަތަށްވީ އިރު، އެމަނިކުފާނަށް އެފަދަ ނާތަހުޒީބީ ފިނޑި ހަމަލާއެއް ފުލުހުން ދިނުމަކީ ފުލުހުންގެ ދަރަޖަ އެތައް ގުނައެއް ދަށަށް ވެއްޓިގެންދިޔަ ކަމެއް ކަމަށެވެ.
އަދި އެ އަމަލު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ބަލައިދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
ފުލުހުން ގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ގެ ލޯފުޅަށް އަމާޒުކޮށް ޕެޕާސްޕްރޭ ނުޖަހާ ކަމަށެވެ. ނަމަވެސް ފުލުހުން ބަހައްޓާފައިވާ ބެރިކޭޑުން އެތެރެއަށް ވަނުމަށް މަސައްކަތްކުރި މީހުން ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭ ފުލުހުން ބޭނުން ކުރި ކަމަށެވެ.
"ބެރިކޭޑުން އެތެރެއަށް ވަންނަން އުޅުނު މީހުން ކޮންޓްރޯލްކުރުމަށް ފުލުހުން ޕެޕާސްޕޭރޭ ބޭނުންކުރި ނަމަވެސް އެއްވެސް މީހަކު ލޮލަށް އަމާޒުކޮށް ސްޕްރޭއެއް ނުޖަހާ. ރޭގައި ފުލުހުން ބޭނުންކުރީ އެންމެ މިނިމަމް ފޯސް،" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.