15 Jul 2012, 15:41
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގޮސް ސިފައިންގެ ބަންދުގައި ބެހެއްޓި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެ ފާނުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) އިން ދައުވާ އުފުލައިފި އެވެ.
ޕީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގާނޫނާ ހިލާފު ގޮތަކަށް، ކުށް ނުކުރާ މީހަކު ހިފައި ހައްޔަރުކުރުމުގެ ދައުވާ
ރައީސް ނަޝީދާއި ތޮލްހަތުގެ މައްޗަށް އުފުލާފައިވާ ދައުވާ ކޯޓަށް ފޮނުވާފައި ވަނީ މިއަދު ކަމަށާއި އެ މައްސަލަ ހުށަހަޅާފައި ވަނީ ހުޅުމާލޭ ކޯޓަށް ކަމަށެވެ.
އެ މައްސަލާގައި ރައީސް ނަޝީދާއި ތޮލްހަތުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުވާކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ޕީޖީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިހުރިހާ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ގާނޫނާ ހިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެކޮޅުގެ ދޮރު ހަލާކު ކޮށްލައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސްގެ ފަރާތުން އެގެއަށް ވަދެ އަބްދުﷲ ޣާޒީ ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔައީ 16 ޖެނުއަރީ 2012 ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެފަހުން އެތަކެއް ފަހަރުމަތިން އަބްދުﷲ ޣާޒީ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުތަކުން ކުރި އަމުރުތަކަށް ސަރުކާރުން އަދި ފުލުހުން ވެސް ވަނީ އިޖާބަ ނުދީފަ އެވެ. އެއަށް ފަހު އަބްދުﷲ ޣާޒީ މިނިވަންކޮށްފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައާ ގުޅިގެން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރި ތަހުގީގު ނިންމުމަށް ފަހު ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.