15 Jul 2012, 15:31
މިއަހަރުގެ ރޯދަ މަހުގައި މަހުގެ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދިނުމަށާއި އަގު ހެޔޮކޮށް މަސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި ކޫއްޑޫ ފިސަރީޒް މޯލްޑިވުސް ލިމިޓެޑުން ބުނެފި އެވެ.
ރޯދަމަހަށް ކޫއްޑުއިން ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތް ދެއްވުމަށް މިއަދު ވެލާނާގޭ މީޑިއާ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޫއްޑޫ ފިސަރީޒް މޯލްޑިވުސް މެނޭޖިން ޑިރެކްޓާ މުހައްމަދު މުއްތަލިބު ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މަހުގެ ބާވަތްތަކުގެ އަގު ހެޔޮކޮށް ރައްޔިތުނަށް ފޯރުކޮށް ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ މިއަހަރުގެ ރޯދަމަހު ރައްޔިތުނާއި ގާތުން މަސް ލިބޭނެ ގޮތް ހެދުމަށްޓަކައި އެހެން އަހަރުތަކާއި ހިލާފަށް "ވުޑް އެޕަލް" ކައިރީގައި ހުންނަ ކޫއްޑޫގެ މަސް ފިހާރައިގެ އިތުރުން އެހެން ފިހާރައެއް މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އޮފީހުގެ ތިރީގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދެ ފިހާރައިގެ އިތުރުން މާލޭގެ ހަތަރު ސަރަހައްދަކުން ވެސް މަސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ހަތަރެއް ނުވަތަ ފަސް ޑިސްޓްރިބިއުޓަރަކާ ހަވާލުކުރާނަން ކޫއްޑޫ މަސް ފިހާރައިން ވިއްކާ އަގުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި މަސް ވިއްކުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން" މުއްތަލިބް ވިދާޅުވި އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ވެސް އަގު ހެޔޮކޮށް މަސް ލިބޭނެ ގޮތް ހެދުމަށްޓަކައި އެސްޓީއޯއާ ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި މިރޯދަ މަހު އެސްޓީއޯއިން އަތޮޅުތެރޭގައި ހުޅުވާފައިވާ ފިހާރަތަކުން ކޫއްޑޫ މަސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް މުއްތަލިބުު ވިދާޅުވި އެވެ. އަދި މިރޯދަ މަހުގެ ތެރޭގައި މާލޭގެ ދެކުނުން ގއ، ގދ، ފުވައްމުލަށް އަދި އައްޑޫގެ ބައެއް ރަށްރަށަށް ކޫއްޑުގެ ބޯޓްތައް ދޭތެރެ ދޭތެރެއިން މަސް ވިއްކުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެބައްދަލުބުމުގައި ވާހަކަ ދައްކަވަމުން ކޫއްޑޫ ފިސަރީޒް މޯލްޑިވުސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވީ މިއަހަރުގެ ރޯދަމަހުގައި ވެސް ކޫއްޑޫގެ ގިނަ އުފެއްދުންތަކެއް ލިބެން ހުންނާނެ ކަމަށާއި އަދި އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކުންފުނީގެ ފަރާތުން ތައިލެންޑުން އުފައްދައިގެން ރާއްޖެ ގެންނަ ދަޅު މަސް ރޯދަ މަހު ހުސްނުވެ ލިބެން ހުންނާނެ ކަމަށާއި މިއަހަރު އެހެން އަހަރު ތަކާ ހިލާފަށް ކޫއްޑުގެ އުފެއްދުންތައް އަގު ހެޔޮކޮށް ލިބޭނެ ކަމަށެވެ.