15 Jul 2012, 15:26
އެމްޑީޕީން ސީދާ ކުއްލި ހަރަކާތުގެ ނަމުގައި މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ އަދި މީޑިއާ ކޮމެޓީގެ ނައިބު މުގައްރިރު އައިމިނަތު ޝައުނާ 21 ދުވަސް ވަންދެން މުޒާހަރާ ނުކުރުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން އޭނާ ރޭ ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޝައުނާ ބަންދުން ދޫކޮށްލާފައި ވަނީ އޭނާ އަށް ކުރިން ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ރޭ އޭނާ ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ޝައުނާ ދޫކޮށްލާފައި ވަނީ އެންމެ ޝަރުތެއް ކުރުމަށް ފަހު ކަމަށާއި އެއީ 21 ދުވަސް ވަންދެން އެއްވެސް މުޒާހަރާއެއްގައި ބައިވެރި ނުވުން ކަމަށެވެ.
"21 ދުވަސް ވަންދެން މުޒާހަރާއަށް ނުނުކުތުމަށް ޝަރުތުކޮށް ޝައުނާ ދޫކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ 21 ދުވަސް ވަންދެން މުޒާހަރާ ނުކުރުމަަށް ޝަރުތުކޮށް ކޯޓުން ޝައުނާ ދޫކޮށްލީ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާތީ ކަމަށެވެ.
ހަނީފު ވިދާޅުވި ގޮތުގައި ޝައުނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ބެރިކޭޑްތައް ހަލާކުކުރުމާއި އަދި ފުލުހުންގެ ކޯޑަން ފަހަނައަޅައި ގޮސްފައިވާ ކަމުގެ ތުހުމަތެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ބައެއް މީޑިއާތަކަށް ޝައުނާ ދެއްވާފައިވާ އިންޓަވިއެއްގައި ފުލުހުން އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ބުނެފައިވާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
ހަނީފު ވިދާޅުވީ ފުލުހުންނަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ ފަރާތް ކަމުގައިވާއިރު ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރާ ފަރާތަކީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށެވެ. އަދި ވިދާޅުވީ ޝައުނާގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.