15 Jul 2012, 14:39
މި މަހުގެ 27 ވަނަ ދުވަހު އިނގިރޭސިވިލާތުގައި ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށްދާ ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަކަށް ހުސައިން ރަޝީދު ހަމަޖައްސައިފި އެވެ.
އޭނާ އަކީ އޮލިމްޕިކް ކޮމިޓީގެ ޚަޒާންދާރެވެ. އަދި މިއީ ބޮޑު މުބާރާތެއްގެ ޗެފް ޑިމިޝަނަކަށް އޭނާ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖއިން ތިން ކުޅިވަރެއްއްގައި ވާދަ ކުރެ އެވެ. އެއީ އެތްލްޓިކްސް އާއި ސްވިމިން އަދި ބެޑްމިންޓަންގަ އެވެ. މީގެ ތެރެއިން މެލޭޝިޔާގައި ތަމްރީނު ހަދަމުންދާ ބެޑްމިންޓަން ކުޅުންތެރިޔާ ހަސަން އަޖުފާން ފިޔަވައި ދެންތިބި އެތްލީޓުން މިހާރު ތިބީ ލަންޑަނުގަ އެވެ. އަޖުފާން އަކީ އޮލިމްޕިކަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓެވެ. ލަންޑަނަށް ދިއުމަށް އޭނާ މާލެ އަންނާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް އޮލިމްޕިކް ކޮމިޓީން މިއަދު ބުންޏެވެ.
ރާއްޖޭގެ ކޮންޓިންޖެންޓް މި މަހުގެ 24ގައި ފުރުމުގެ ކުރިން ދިވެހި ދިދަ ވިހުރާނެ އެތްލީޓަކު އައްޔަންކުރާނެ ކަމަށް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް މިއަދު ވިދާޅުވި އެވެ.
އޮލިމްޕިކްސްގައި ވާދަ ކުރާ ތިން އެސޯސިއޭޝަނުގެ ވެރިން ވެސް މިއަދު ވިދާޅުވީ ބޭނުމަކީ އޮލިމްޕިކްސްގައި ގައުމީ ރެކޯޑް މުގުރާލުން ކަމަށާއި މި މުބާރާތަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ ސާފް ގޭމްސްއަށް ތައްޔާރުވާން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. ސާފް ގޭމްސް އަށާއި އޮލިމްޕިކްސް އަށް އެތްލީޓުން ތައްޔާރުވަމުންދަނީ އޮލިމްޕިކް ކޮމިޓީގެ އެހީގަ އެވެ.
މިހެންވެ މަރުޒޫގް ވިދާޅުވީ މިފަހަރުގެ އޮލިމްޕިކްސް އަކީ "އެތްލީޓުން އެންމެ ޕީކްގައި ތިބެ ދާ މުބާރާތަށްވާނެ،" ކަމަށެވެ.