ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ތެދުވުމަށް "23 ޑިސެމްބަރު އިއްތިހާދު"ގެ ނަމުގައި އުފެއްދި ސިޔާސީޕާޓީތައް ބައިވެރިވާ އިއްތިހާދުގެ ވެރިން މިއަދު ކަމިޝަނަރު އޮފް ޕޮލިސްއާ ބައްދަލުކުރައްވައިފަި އެވެ.

ކަމިޝަނަރާ ބައްދަލުކުރުމަށް ފަހު ފުލުހުންގެ މައި އިދާރާ އިން އިއްތިހާދުގެ ބައިވެރިން ނުކުތް ވަގުތު، އެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބްދުﷲ އަށް ނޫސްވެރިން ކުރިމަތި ކުރި ސުވާލުތަކަށް އޭނާ ވަނީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވަވައިފަ އެވެ. އަދި ވިދާޅުވީ 23 އިއްތިހާދުން ދެ ދުވަސް ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދާ ކަމަށާއި އެކަން ނިމުމުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

"ތޭވީސް ޑިސެމްބަރުގެ އިއްތިހާދުން ހިންގާ ހަރަކާތްތައް ނިމުމުން އެކަންތައްތަކާ ބެހޭ މައުލޫމާތު ދޭނަން. ވަރަށް ބައިވަރު ހަރަކާތްތަކެއް ހިންގަމުން މިދަނީ. އަޅުގަނޑުމެން މިހާރު މިނުކުތީ ކަމިޝަނަރު އޮފް ޕޮލިސްއާ ބައްދަލުކޮށްފައި. އަދި ކަމިޝަނާ އޮފް ޕޮލިސްއާ އެކު އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތައް ހިއްސާކުރިން. މިހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ކަންތައްތައް އޮޅުން ފިލުވިން،" އިމްރާނު ވިދާޅުވި އެވެ.

ކަމިޝަނަރު އޮފް ޕޮލިސްއާ ބައްދަލުކުރުމަށް އިއްތިހާދުގެ ބައިވެރިން ދިޔައީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ގޮސް ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލުކުރުމަށް އެޕޮޮއިންޓްމެންޓެއް ހައްދައިފަ އެވެ. އަދި މިއަދު ހަވީރު ހަތަރެއް ޖަހާ އިރު އިއްތިހާދުން ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލުކުރާނެ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

އިއްތިހާދުން ހިންގާ ދެ ދުވަހުގެ ހަރަކާތްތަކުގައި އަދި ވެސް އެކި ފަރާތްތަކާ ބައްދަލުކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި 23 ޑިސެމްބަރުގެ އިއްތިހާދުން ފުލުހުންނާ އަދި ޕްރޮސިކިއުޓާ ޖެނެރަލްއާ ބައްދަލު ކުރަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ހިލާފަށް ނަޝީދު ހިންގަވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ކަންކަން ޝަރީއަތަށް ފޮނުވުން ލަސްވަމުންދާތީ އެވެ.