ސްކޮޓްލޭންޑްގެ އެންމެ ކާމިޔާބު އަދި އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބް ކަމުގައިވާ ރޭންޖާސް ފުޓްބޯޅަ ކްލަބް ތިން ވަނަ ޑިވިޝަނަށް ޑިމޯޓްކޮށްފި އެވެ.

ރޭންޖާސް ތިން ވަނަ ޑިވިޝަނަށް ޑިމޯޓް ކޮށްފައި ވަނީ އެކްލަބަށް ދިމާވި މާލީ މައްސަލަތަކާ ގުޅިގެން ސްކޮޓިޝް ޕްރިމިއާ ލީގުން އެކްލަބް ބޭރު ކުރުމުގެ ސަބަބުންނެވެ. އަދި ޕްރިމިއާ ލީގުގައި ވާދަކުރާ ތިރީސް ކްލަބްގެ ތެރެއިން ފަންސަވީސް ކްލަބަކުން ވަނީ ރޭންޖާސް ތިން ވަނަ ޑިވިޝަނުގައި ކުޅުމަށް ތާއިދުކޮށްފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިކަމުގެ ސަބަބުން ސްކޮޓްލޭންޑްގެ ފުޓްބޯޅަ އަށް އުނިކަން ލިބިގެންދާނެ ކަމަށެވެ. އަދި ޓީވީ ރައިޓްސް ވިއްކުމުގައި ވެސް މައްސަލަތަކާ ކުރިމަތިވާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. ސްކޮޓިޝް ލީގުގައި ސެލްޓީކްއާއި ރޭންޖާސް ބައްދަލުކުރާ މެޗަކީ އެންމެ ބޮޑު އަގުގައި ވިއްކާލެވޭ މެޗެވެ.

އިނިގިރޭސިވިލާތުގެ ވިޔަފާރި ކުންފުންޏެއް ކަމުގައިވާ ޗާލްސް ގްރީންއިން ރޭންޖަސްއާ ހަވާލުވުމަށް ފަހު އެ ޓީމަށް މާލީ މައްސަލަތަކާއި މިދިޔަ އަހަރުވެސްވަނީ ކުރިމަތިވެފަ އެވެ. އަދި މިދިޔަ އަހަރު ކުރިމަތިވި މާލީ މައްސަލައާ ގުޅިގެން ސްކޮޓިޝް ޕްރިމިއާ ލީގުން ވަނީ ޓީމުގެ ދިހަ ޕޮއިންޓް އުނިކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން އެ ޓީމަށް ލީގު ހޯދުމުގައި ވަނީ މައްސަލަތަކާއި ކުރިމަތިވެފަ އެވެ.

ސްކޮޓިޝް ޕްރިމިއާ ލީގު ފަންސާސް ހަތަރު އަހަރު ކާމިޔާބުކޮށްފައިވާ ރޭންޖާސް އިން ޓެކްސްގެ ގޮތުގައި ނުވަ މިލިއަން ޕައުންޑް ނުދައްކާވާ އިރު، ކުޅުންތެރިންނަށް މުސާރަ ދެމުންގެންދާ ގޮތުގެ ސަބަބުން، އެޓީމުން ދައްކަން ޖެހޭ ޓެކްސް އިތުރުވެގެންދާނެކަމަށް ރިޕޯޓްތައްވަނީ ބުނެފަ އެވެ.