15 Jul 2012, 13:22
ކުއީންސް ޕާކް ރޭންޖާސް (ކިޔުޕީއާރު)ގެ އެންޓަން ފާޑިނަންޑް އާއި ނަސްލީ ގޮތުން ދީމާކުރިކަމަށް ބުނެ ޗެލްސީގެ ކެޕްޓަން، ޖޯން ޓެރީގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ކޯޓުން ނިންމައިފި އެވެ.
ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތޭވީސް ވަނަ ދުވަހު ކުއީންސް ޕާކް ރޭންޖާސްއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗްގައި ފާޑިނަންޑް އާއި ނަސްލީ ގޮތުން ދިމާކޮށްފައިވާ ކަމަށް ބުނެ އެންޓަން ފާޑިނަންޑް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ފަސް ދުވަހުގެ އަޑު އެހުންތަކަށް ފަހު ގާޒީ ވިދާޅުވެފައި ވަނީ ހުށަހެޅިފައިވާ އެއްކަށް ބަލާ އިރު އެންޓަން ފާޑިނަންޑްއާއި ޓެރީ ދިމާކުރިކަމަށް ސާބިކުރެވޭނެ ތަނެއް ނެތް ކަމަށެވެ.
ޓެރީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމާ އެކު އޭނާ އަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށްފަ އެވެ. އޭނާގެ މައްޗަށް މިކަން ސާބިތުވިނަމަ އޭނާ ދެހާސް ފަސް ސަތޭކަ ޕައުންޑުން ޖުރިމަނާ ކުރާނެ އެވެ.
މިމައްސަލައާ ގުޅިގެން މީގެ ކުރިން އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ޓެރީ އަތުން ވަނީ އަތުލާފަ އެވެ. އަދި އެކަމާ މެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން އޭރު ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ފަބިއޯ ކަޕެއްލޯވަނީ މަޤާމުން އިސްތިއުފާ ދީފަ އެވެ.