އިޓަލީގެ އޭސީ މިލާނަށް ކުޅެމުންދިޔަ ބްރެޒިލްގެ ޑިފެންޑާ ތިއާގޯ ސިލްވާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެއްޖެ އެވެ.

ހަތާވީސް އަހަރުގެ ތިއާގޯ ސިލްވާ ޕީއެސްޖީ އަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ތިއާގޯ ސިލްވާ އެކްލަބަށް ބަދަލުވެފައިވާ އަގު އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ޕީއެސްޖީ އަށް ބަދަލުވެފައި ވަނީ ސާޅީސް ނުވަތަ ސާޅީސް ފަސް މިލިއަން ޔޫރޯގެ ފީއަކަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ތިއާގޯ ސިލްވާ އިޓަލީގެ އޭސީ މިލާނާއި ގުޅިފައި ވަނީ ދެހާސް އަށް ވަނަ އަހަރު ބްރެޒިލްގެ ފްލުމިނެންސޭއިންނެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޕީއެސްޖީ ވަރުގަދަ ކުރުމަށްޓަކައި މިއީ އެކްލަބަށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ވަނީ އިޓަލީގެ ނަޕޯލީއަށް ކުޅެމުން ދިޔަ އާޖެންޓީނާގެ ލަވޭޒީ ވެސް އެކްލަބަށް ގެންގޮސްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީ އިން މިހާރު މަސައްކަތް ކުރަމުން ދަނީ އޭސީ މިލާނަށް ކުޅެމުންދާ ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް ގެންދިއުމަށެވެ.

ތިއާގޯ ސިލްވާ ޕީއެސްޖީ އަށް ގެންދިޔަ އިރު އޭނާ މިވަގުތު ހުރީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ޓީމާ އެކުގަ އެވެ.